01 އޮކްޓޯބަރ 2025 - 14:56

ރާއްޖޭގައި ކިޔަވައިދޭން ހުއްދަ ދީފައިވާ ކޯސްތަކެއް ބޭރުގެ މަރުކަޒުތަކެއްގައި ކިޔަވައިދީ، ބޭރުގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދިން މައްސަލަތަކެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބަލަން ފަށައިފި އެވެ.
އެމްކިޔުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހަމައެކަނި ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ކޯސްތަކެއް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މަތީތައުލީމުދޭ މަރުކަޒަކުން ރާއްޖެއިން ބޭރުގައި ހިންގުމަށްފަހު ބޭރުގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދިނުމުން، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން އެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން އެމްކިޔުއޭގައި އެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭގައި އެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް ރާއްޖޭގައި ހުއްދަ ދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމާއި ސެޓްފިކެޓް ދިނުމަށް މަތީ އެއްވެސް މަރުކަޒަކަށް ހުއްދަ ދީފައި ނުވާނެ ކަމަށް ވެސް އެމްކިޔުއޭއިން ބުންޏެވެ.
އެމްކިއުއޭއިން ބުނީ ރާއްޖޭގައި ކިޔަވައިދޭން ހުއްދަ ދޫކޮށްފައިވާ ކޯސްތަކެއް ރާއްޖެއިން ބޭރުގައި ކިޔަވައިދީފައި ވަނީ ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީއަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ތަނެއް ކަމެއް އެމްކިއުއޭއިން ނުބުނެ އެވެ.
"ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކޮށްފައިވާ އެ އަމަލުގެ ސަބަބުން ރާއްޖެއިން ބޭރުގެ ދަރިވަރުންތަކަކަށްވާ ގެއްލުމަށް ޒިންމާވާންޖެހޭނީ އެކަން ކުރި މަރުކަޒުން،" އެ ބަޔާނުގައިވެ އެވެ.
އެމްކިޔުއޭއިން ހުއްދަ ދޫކޮށްފައި ނުވާ ކޯސްތަކެއްގައި "އެމްކިޔުއޭ އެޕްރޫވްޑް" ތަތްގަނޑު ޖަހައިގެން ސްރީލަންކާގެ ކޮލެޖަކުން އިސްތިހާރު ކުރި މައްސަލައެއް މިދިޔަ އަހަރު ފެންމަތިވެ، އެ މައްސަލަ ވެސް ތަހުގީގުކުރި އެވެ.
އެމްކިޔުއޭއިން ވަނީ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން، އެ ކޯހަކީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރުކޮށް، އެކަމުގެ ލިޔުން ހޯދުމަށް އިލްތިމާސްކޮށްފަ އެވެ. އެ މައްސަލަ އޭރު ދިމާވީ ސްރީލަންކާގެ "އެޕެކްސް އެޑް" ކިޔާ ކޮލެޖަކުންނެވެ. އެއީ އެ ގައުމުގެ ޓިވެޓްއިން ހުއްދަ ނުދޭ ސަނަދެއް ދޫކުރުމާ ގުޅިގެން ސަސްޕެންޑުކުރުމަށް ފަހު އަލުން ހުއްދަ ދީފައިވާ ތަނެކެވެ.