ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރަ ވެސް ބޮޑުކުރަނީ
ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރަ ވެސް ބޮޑުކުރަނީ

ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ "އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025" ފަަށަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ނައިބުރައީސް ވިދާޅުވީ އިދާރީ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ އިދާރާތަކަށް އާއްމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އިންޓާނަލް އޮޑިޓަރުންގެ ދައުރު ބޮޑު ކަމަށެވެ. އިންޓާނަލް އޮޑިޓަރުންނަށް މަސައްކަތުގައި ތަފާތު ގޮންޖެހުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި މިއަދުގެ ސަރުކާރުން އެކަންކަމަށް ހާއްސަ އިސްކަމެެއް ދީގެން، އެކަންކަން ހައްލުކުރުމަށް މި ދަނީ މަސަައްކަތް ކުރަމުން. އެގޮތުން މިހާރު ވަނީ އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފައި. އަދި ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ހިއްސާކޮށްލަން،،" ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދައުލަތުގެ އިންޓާނަަލް އޮޑިޓް ކޮމިޓީގެ ޗެއާޕާސަން އާމިނަތު ރީމާ ރަޝީދު ވިދާޅުވީ އިންޓާނަލް އޮޑިޓް ކޮމިޓީއަށް ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެފަދަ އެއް ކަމަކީ ފަންނީ ގާބިލުކަން ހުރި މުވައްޒަފުން ހޯދުމުގައި އޮތް ދަތިކަން ކަމަށެވެ.

"ހަމަ އެއާ އެކު ދައުލަތުގެ ޗީފް އިންޓާނަލް އޮޑިޓާގެ މަގާމަށް އެކަށީގެންވާ ފަރާތެއް އައްޔަން ނުކުރެވި ގިނަ ދުވަސް ވެފައިވާކަން،" އޭނާ ވިދާޅުވި އެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ އިންޓާނަލް އޮޑިޓް ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީކުރުވުމުގައި އިންޓާނަލް އޮޑިޓްގެ ދައުރާއި އާއްމު މަސްލަހަތު ކުރިއެރުން" އެވެ. އެ ކޮންފަރެންސް ފަށަން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ރިސްކް މެނޭޖްމެންޓް ފްރޭމްވޯކް އިފްތިތާހުކުރި އެވެ. އެ ފްރޭމްވޯކް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.