އެމްޑީޕީގެ އެއްވުމުން ގުރޫޕުތައް ނެރެ، މާލެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ، އެ ފުރުސަތު ނުދޭނަން: ޕޮލިސް
އެމްޑީޕީގެ އެއްވުމުން ގުރޫޕުތައް ނެރެ، މާލެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ، އެ ފުރުސަތު ނުދޭނަން: ޕޮލިސް

އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ އެއްވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ކަމަށެވެ.

އެހެންވެ، އެ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ އިދާރާއިން ވަރަށް ސަމާލުކަން ދޭ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.

ނަމަވެސް، ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ، ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި މާލޭގެ އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ ގޮވާލައިފަ އެވެ.

"މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން މި ޚިދުމަތުން ފުރުސަތު ނުދޭނެ ވާހަކަވެސް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

މުޒާހަރާ ކުރުމަށް ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް މާލޭގެ ބޮޑު ހަ މަގަކުންނެވެ.