ކުލީ ޕާކިން ސްލޮޓްތައް ކެންސަލްކޮށް އެންމެންނަށް ބޭނުންކުރެވޭ ގޮތް ހަދައިފި
ކުލީ ޕާކިން ސްލޮޓްތައް ކެންސަލްކޮށް އެންމެންނަށް ބޭނުންކުރެވޭ ގޮތް ހަދައިފި

މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް ކެންސަލްކޮށް، އެންމެންނަށް ވެސް ޕާކު ކުރެވޭ ތަންތަނުގެ ގޮތުގައި މިއަދުން ފެށިގެން ހަމަޖައްސައިފި އެވެ.

މަގުތަކުން ދޫކޮށްފައި ހުރި ޕާކިންތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ހުރިހާ ޕާކިންތަކަކީ އާންމު ތަންތަން ކަމަށް ހަދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި އިތުރު އެއްވެސް ޕާކިންއެއް ކުއްޔަށް ނުދޭން ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހު 8 ގައި ވަނީ އަންގައިފަ އެވެ.

އެހެންވެ ކައުންސިލުން ކުރިން ވެސް ވަނީ މިގޮތަށް އަމަލުކުރާނެކަން އަންގައި އިއުލާނުކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް މާލޭގެ މަގުތަކުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ލަފާދީފައިވާކަމަށެވެ. އަދި އެކަން ޓްރާންޕޯޓް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

ކައުންސިލުން ބުނީ ވެހިކަލް ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެ ތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށް ވެސް މިއަދުން ފެށިގެން ޕާކު ކުރެވޭނެ ކަމަށެވެ.

ކައުންސިލުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ކައުންސިލުން އަމިއްލަ މީހުންނަށާއި ޓެކްސީ ތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންގެ އަދަދު 1،000 އަށް އަރަ އެވެ.

ޕާކިން ކުއްޔަށް ދޫކޮށްފައި ހުރީ ޕްރައިވެޓް ކާރުތަކަށް މަހަކު 1،500ރ. އަށް އަދި ޓެކްސީތަކަށް 700ރ. އަށެވެ.