01 އޮކްޓޯބަރ 2025 - 09:01

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް ބަނޑަށް ޖައްސާފައި އޮންނާތީ އެކަން ނިމުމަކަށް ގެނެސް އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަނޑުމަގުން ޣައްޒާއަށް ވަންނަން ދަތުރުކުރާ "ގްލޯބަލް ސުމޫދް ފްލޮޓީލާ" ގެ އުޅަނދުތަކުގެ ކައިރިއަށް ގޮތް ނޭނގޭ އުޅަނދުތަކެއް ރޭ ފަތިހު ކައިރިކޮށްފި އެވެ.
އެކަމަކު އެކި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ އިޒްރޭލު ކަނޑުގެ ސިފައިންގެ އުޅަނދުތަކެކެވެ.
ފްލޮޓީލާއިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އިޒްރޭލުން ކޮންޓްރޯލްކުރާ، ޣައްޒާއިން ފެށިގެން 150 ނޯޓިކަލް މޭލުގެ ސަރަހައްދަށް އުޅަނދުތައް ކައިރިވުމާ އެކު، ގޮތް ނޭނގޭ އުޅަނދުތަކެއް ފްލޮޓީލާގެ އުޅަނދުތަކާ ކައިރިކުރި ކަމަށެވެ. އޭގެތެރެއިން ބައެއް އުޅަނދުތަކުގައި ނެވިގޭޝަން ލައިޓެއް ވެސް ނެތް ކަމަށާއި ޑްރޯންތައް ގިނައިން ފެންނަން ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.
ފަންސާހަކަށް އުޅަނދުގައި، 46 ގައުމަކުން 497 މީހަކު މި ދަތުރުގައި ބައިވެރިވަމުން އަންނައިރު އޭގެ ތެރޭގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންނާއި އެކި ދާއިރާތަކުގެ މަޝްހޫރު އެކްޓިވިސްޓުން ވެސް ހިމެނެ އެވެ.
ފްލޮޓީލާ މިހާރު އޮތް ހިސާބަކީ މީގެ ކުރިން ވެސް ފްލޮޓީލާއިން ކުރި ދަތުރުތައް އިޒްރޭލުން ހުއްޓުވައި އުޅަނދުތަކާއި މީހުން ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބު ކަމަށް ވާއިރު އިޒްރޭލުން މިހާރު ފަށާފައިވަނީ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ކަމަށް ވަނީ ބެލެވިފަ އެވެ. އިޒްރޭލުން ބުނެފައިވަނީ ހަނގުރާމަ ކުރިއަށްދާއިރު ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވޭނެ ކަމަށާއި ޣައްޒާއަށް ވަންނަން ކުރާ މަސައްކަތް ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ.
ފްލޮޓީލާގެ ޓެލެގްރާމް ޗެނަލެއްގައި ބުނެފައިވާ ގޮތުގައި އިޒްރޭލުން އުޅަނދުތައް ހުއްޓުވަން ތައްޔާރުވަމުންދާ ކަމަށް މިހާރު ބެލެވޭތީ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދަތުރުގެ ބައިވެރިން މިހާރު ގެންދަނީ އަޅަމުންނެވެ.
"ބޯޓުތައް މިހާރު ވަނީ ފްލޮޓިލާ ކައިރިން ދުރަށް ގޮސްފައި. އަހަރެމެން އަދިވެސް ދަތުރު ކުރަމުން މިދަނީ ޣައްޒާއާ ދިމާއަށް، 120 ނޯޓިކަލް މޭލުގެ ދުރުމިނެއްގައި. [އެއީ] ކުރިން ދަތުރުކުރި ފްލޮޓިލާތައް ހުއްޓުވި ނުވަތަ ހަމަލާ ދިން ހިސާބު ކައިރީގައި،" އަޕްޑޭޓް ޕޯސްޓުގައި ބުނެފައިވެ އެވެ.
ޑްރޮޕް ސައިޓް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ފްލޮޓިލާ ހުއްޓުވަން ދަތުރު ވަނީ ފަށައިފަ އެވެ. އަދި މިހާތަނަށް އެއްވެސް އުޅަނދަކަށް ސިފައިން ނޭރި ނަމަވެސް ބައެއް ބޯޓުތަކުގެ ސީސީޓީވީ ސިސްޓަމަށް މައްސަލަ ދިމާވާން ފަށާފައިވާ ކަމަށާއި ބައިވެރިން އަންނަނީ ސިފައިން އަރާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުވަމުން ކަމަށް ބުނެފައިވެ އެވެ.
ފްލޮޓީލާގެ ދަތުރުގެ ހުރިހާ ކަމެއް އެކި ޕްލެޓްފޯމްތަކުން ވަގުތުން ދުރަށް ދައްކަމުން ދާއިރު ދަތުރުގެ ބައިވެރިން އިލްތިމާސްކުރަނީ އެ މީހުންގެ ހާލަތު ގާތުން ބަލަމުން ދިއުމަށެވެ. މަންޒަރު ދެކެން ބަޔަކު ތިބުމަކީ އިޒްރޭލުގެ އަމަލުތައް ކޮންޓްރޯލްކުރުމަށް ބާރަކަށް ވާނެ ކަމަށް އެ މީހުން ގެންދަނީ ބުނަމުންނެވެ.