01 އޮކްޓޯބަރ 2025 - 05:51

ފިލިޕިންސްގެ މެދުތެރެއަށް 6.9 މެގްނިޓިއުޑްގައި އައި ބިންހެލުމެއްގައި މަދުވެގެން 26 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ 90،000 ގެ އާބާދީއެއް އޮންނަ ބޯގޯގެ އުތުރުން، އަންގާރަ ދުވަހު ޖީއެމްޓީން 13:59 ގައި ކަމަށެވެ.
ފިލިޕިންސްގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ. ސޭބޫ އިން 19 މީހަކު މަރުވިކަން ކަށަވަރު ވެފައި ވާއިރު ބޯގޯ އާއި ސެން ރެމިޖިއޯ އަދި ޓަބުއެލާން ފަދަ ތަންތަނުން ވެސް ވަނީ މީހުން މަރުވެފަ އެވެ.
ސޭބޫ ޕްރޮވިންސްގެ ސަރުކާރުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތަށް ވޮލަންޓިއަރުން ބޭނުންވެގެން އިއުލާނުކޮށްފަ އެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތް ރޭގަނޑު ވެސް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައި ވާއިރު ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސީސްމޮލޮޖީ އިން ބުނީ ބާރުގަދަ ބިންހެލުމަށް ފަހު ވެސް 379 ލޮޅުމެއް ފިލިޕިންސަށް އިހްސާސްކުރެވިފައިވާ ކަމަށެވެ.
ބިންހެލުމުގެ ސަބަބުން ވަނީ ވަރަށް ގިނަ މަގުތައް ވެސް ހަލާކުވެފަ އެވެ.
ބިންހެލުމުގެ ސަބަބުން ކަރަންޓް ކޭބަލްތައް ހަލާކުވެ، ސޭބޫ އާއި ކައިރި އެހެން ރަށްތަކުގެ އެކި ހިސާބުތަކުން ކަރަންޓް ވެސް ކެނޑުނެވެ. ނަމަވެސް ފިލިޕީންސްގެ ނޭޝަނަލް ގްރިޑް ކޯޕަރޭޝަނުން ނެރުނު އެޑްވައިޒަރީގައި ބުނެފައި ވަނީ ސެބޫ އާއި އިތުރު ހަތަރު ސަރަހައްދަކަށް ރޭގަނޑު 12:00 ގެ ފަހުން އަލުން ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށެވެ.
ޔޫއެސްޖީއެސް އިން އެންމެ ފުރަތަމަ ބުނީ ބިންހެލުމުގެ ބާރުމިނަކީ 7.0 މެގްނިޓިއުޑް ކަމަށެވެ. ނަމަވެސް ފަހުން މި މިންގަނޑު ދަށްކޮށް، ސުނާމީގެ ބިރުވެރިކަމެއް ނެތް ކަމަށް ވެސް ބުންޏެވެ.
ބިންހެލުން އާންމު، ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ އާއި ޕެސިފިކް ކަނޑުގެ އެކި ހިސާބުތަކަށް ދެމިގެން ގޮސްފައި އޮންނަ "ރިންގް އޮފް ފަޔާ" ގައި ހިމެނޭ ފިލިޕީންސަށް ކޮންމެ ދުވަހަކު ވެސް ބިންހެލުން އާދެ އެވެ. ނަމަވެސް ގިނަ ބިންހެލުންތަކަކީ އިންސާނުންނަށް އިހްސާސްކުރެވޭ ވަރަށް ވުރެ ބާރު ދަށް ބިންހެލުމެވެ. ބާރުގަދަ ބިންހެލުންތައް ދޭތެރެދޭތެރެއިން އަޔަސް މިފަދަ ބިންހެލުންތައް ކުރިއާލައި ދެނެގަނެ ލަފާކުރުމަކީ އަދި އެއްވެސް ޓެކްނޮލޮޖީއަކުން ކުރެވޭ ކަމެއް ނޫނެވެ.