ޕެނަލްޓީއެއް ނުލިބި ޗެމްޕިއަންސް ލީގުގައި ވެސް ލިވަޕޫލް ބަލިވެއްޖެ
ޕެނަލްޓީއެއް ނުލިބި ޗެމްޕިއަންސް ލީގުގައި ވެސް ލިވަޕޫލް ބަލިވެއްޖެ

އިސްތަންބޫލް (އޮކްޓޫބަރު 1) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ތުރުކީގެ ޗެމްޕިއަން ގަލަތަސަރާއީއާ ވާދަކޮށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލް 1-0 އިން ބަލިވެއްޖެ އެވެ.

ޕެނަލްޓީއެއް ނުލިބި ޗެމްޕިއަންސް ލީގުގައި ވެސް ލިވަޕޫލް ބަލިވެއްޖެ
ޕެނަލްޓީއެއް ނުލިބި ޗެމްޕިއަންސް ލީގުގައި ވެސް ލިވަޕޫލް ބަލިވެއްޖެ

ގަލަތަސަރާއީގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ވިކްޓާ އޮސިމްހެން އެވެ.

މިއީ ލިވަޕޫލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އެންމެ ފަހުން އިނގިރޭސި ލީގުގައި އެ ޓީމު ވަނީ 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ވެސް ބަލިވެފަ އެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި ފޯވާޑް ހޫގޯ އެކިޓީކޭ އަށް ވަނީ އަނިޔާވެގެން ބަދަލުކުރަން ޖެހިފަ އެވެ. އަދި އެ ޓީމުގެ އެންމެ މުހިއްމު ފޯވާޑް މުހައްމަދު ސަލާހު ވެސް ކުޅެން އެރުވީ ފަހު ހާފުގަ އެވެ.

މެޗުގެ އެންމެ ފަހު މިނިޓު ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އަށް ފައުލް ކުރި ކަމަށް ބަލައި ރެފްރީ އެ ޓީމަށް ޕެނަލްޓީއެއް ދޭން ވެސް އިޝާރާތް ކުރި އެވެ. ނަމަވެސް ވީއޭއާރުން އެ ނިންމުން ބަދަލުކުރި އެވެ.

މިއީ ގަލަތަސަރާއީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ޖަރުމަންގެ އެއިންތްރެކް ފްރޭންކްފާޓް އަތުން ބަލިވެފަ އެވެ. ނަމަވެސް ލިވަޕޫލް ވަނީ ފުރަތަމަ މެޗުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެފަ އެވެ.

އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ އަމިއްލަ ދަނޑުގައި އެއިންޓްރަކް ފްރޭންކްފާޓާ ވާދަކޮށް 5-1 އިން މޮޅުވެފަ އެވެ. އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ޖިއަކޯމޯ ރަޕްސަޑޯރީ، ރޮބިން ލެ ނޯމަންޑް، އެންޓޮއިން ގްރީޒްމަން އަދި ގިއުލިއާނޯ ސިމިއޯނީގެ އިތުރުން ހޫލިއަން އަލްވަރޭޒް އެވެ. ފްރޭންކްފާޓްގެ ލަނޑު ޖަހައިދިނީ ޖޮނަތަން ބާކާޓް އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އެޓަލާންޓާ ވަނީ 2-1 އިން ކްލަބް ބުރޫޖް ބަލިކޮށްފަ އެވެ. އަދި އިންތަ މިލާން 3-0 އިން ސްލާވިއާ ޕްރާހާ ބަލި ކުރި އިރު އޮލިމްޕިކް މާސޭ ވަނީ އަޔެކްސްއާ ވާދަކޮށް 4-0 އިން މޮޅުވެފަ އެވެ.

މީގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާ ރަށުން ބޭރުގައި ނޯވޭގެ ބޯޑޯ/ގްލިމްޓްއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.