ކަޒަކިސްތާނުގައި އެމްބާޕޭގެ ހެޓްރިކެއް
ކަޒަކިސްތާނުގައި އެމްބާޕޭގެ ހެޓްރިކެއް

އަލްމަޓީ (އޮކްޓޫބަރު 1) - ކަޒަކިސްތާނުގައި އެ ގައުމުގެ ކައިރަތު ފުޓްބޯޅަ ކްލަބާ ދެކޮޅަށް ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ހެޓްރިކާ އެކު، ރެއާލް މެޑްރިޑް 5-0 އިން ޗެމްޕިއަންސް ލީގުގެ ދެވަނަ މެޗުން މޮޅުވެއްޖެ އެވެ.

ކަޒަކިސްތާނުގައި އެމްބާޕޭގެ ހެޓްރިކެއް
ކަޒަކިސްތާނުގައި އެމްބާޕޭގެ ހެޓްރިކެއް

ލީގުގައި އެންމެ ފަހުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗާ އެކު 7،000 ކިލޯމީޓަރުގެ ދަތުރަކަށް ފަހު، ރެއާލް ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެމްބާޕޭ ކާމިޔާބު ކޮށްދިން ހެޓްރިކަކުން އެއް ގޯލުގެ ލީޑަކާ އެކު އެވެ.

ނަމަވެސް ޕްލޭއޮފްގައި ސެލްޓިކް ބަލިކޮށްގެން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކުޅޭ ކައިރަތަށް ދެވަނަ ހާފުގައި ރެއާލް ހިފަހައްޓާލުން ވީ އުނދަގޫ ކަމަކަށެވެ.

އެމްބާޕޭ އޭނާގެ ދެވަނަ ގޯލު ޖެހީ 52 ވަނަ މިނިޓުގަ އެވެ. ހެޓްރިކް ފުރިހަމަ ކުރީ 73 ވަނަ މިނިޓުގަ އެވެ. އޭގެ 10 މިނިޓު ފަހުން ރެއާލްގެ ހަތަރުވަނަ ގޯލު ޖެހީ އެޑުއާޑޯ ކަމަވިންގާ އެވެ. އޭގެ 10 މިނިޓު ފަހުން، އިތުރު ވަގުތުގެ ތެރޭގައި ފަހު ލަނޑު ޖަހައިދިނީ ބްރަހީމް ޑިއާޒް އެވެ.

މި މެޗާ ކުރިމަތިލީ އިރު ކައިރަތަށް ވަނީ އަނިޔާގެ ސީރިއަސް މައްސަލައެއް ދިމާވެފަ އެވެ. އެ ޓީމުގެ ތިން ކީޕަރަށް ވެސް އަނިޔާވެފައި ވުމާ އެކު މެޗުގައި ކުޅުނީ ކަޒަކިސްތާނުގެ 19 އަހަރުން ދަށުގެ ގޯލްކީޕަރު، އުމުރުން 18 އަހަރުގެ ޝާކާން ކަލްމުރުޒާ އެވެ.

މީގެ އިތުރުން ކަޒަކިސްތާން ގައުމީ ޓީމަށް ކުޅޭ 17 އަހަރުގެ ފޯވާޑް ޑަސްތާން ސަޓްޕަޔޭވް ވެސް ވަނީ މި މެޗުގައި ކައިރަތަށް ސްޓާޓް ކޮށްފަ އެވެ. އޭނާ ވަނީ އަންނަ ސީޒަންގައި އިންގްލެންޑްގެ ޗެލްސީއާ ގުޅުމަށް އެއްބަސްވެފަ އެވެ.

ރޭގެ މޮޅާ އެކު، ރެކޯޑް 15 ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑް ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑް 112 ޓީމު ޗެމްޕިއަންސް ލީގުގައި ބަލިކޮށްފަ އެވެ.

ރެއާލް ވަނީ ލީގު ބުރުގައި އެޓީމުގެ ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ކައިރަތަށް އަދި ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.