01 އޮކްޓޯބަރ 2025 - 00:00

ބުރު ސްޕޯޓްސްގެ މައްޗަށް 3-0 މޮޅުވެ، މި ސީޒަނުގައި މާޒިޔާއިން ދަމަހައްޓަމުން އަންނަ ފޯމުގައި ހިފަހައްޓައިފި އެވެ.
ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ހިމެނޭ މާޒިޔާއިން މި މެޗަށް ފަހު ކުރިމަތިލާނީ ދިގު ބްރޭކަކާ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ ދެ މެޗަށެވެ.
އޮކްޓޯބަރު ނުވައެއްގައި ފުރަތަމަ ލެގްގައި ތަޖިކިސްތާނުގައި ރާއްޖޭން ކުޅޭނެ އެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު 14 ގައި ކުޅޭ ރާއްޖޭގަ އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) އާއި ނާއިޒު ހަސަން (ދާދު) އަދި އިބްރާހިމް އައިސަމް (ޓޯނީ) އެވެ.
މި މެޗުގައި މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް ވަނީ މި ސީޒަނުގައި އޭނާގެ ފުރަތަމަ މެޗަށް ނުކުމެފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރި އެވެ. އެހެންވެ ސެޕްޓެމްބަރު މަހު ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅުނު ދެ މެޗަށް އެކުލަވާލި ގައުމީ ސްކޮޑްގައި ވެސް އޭނާ ހިމެނިފައެއް ނުވެ އެވެ.
މެޗުގައި މާޒިޔާ އަށް ލީޑް ނަގައި ދިނީ ހަމްޕް އެވެ. ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ލަނޑު 33 ވަނަ މިނެޓްގައި ވައްދާލީ ނާއިޒު ދިން ޕާހަކުންނެވެ. އޭރިއާގެ ތެރެއަށް ވަދެ ނާއިޒު އެ ބޯޅަ ފަހަތަށް ދިނުމުން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ހަމްޕް ވައްދާލީ ގޯލްގެ މަތީ ކަނަށެވެ.
ދެވަނަ ލަނޑު ޖަހަން ނާއިޒުއަށް ފުރުސަތު ތަނަވަސްކޮށް ދިނީ އައިސަމް އެވެ. ނާއިޒު އެ ބޯޅަ ތިރިތިރިން ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ. ބުރުގެ ކީޕަރު މުހައްމަދު ފައިސަލް އަށް ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ.
ތިންވަނަ ލަނޑު، ދެވަނަ ހާފުގައި އައިސަމް ޖެހީ ހިލޭޖެހުމަކުންނެވެ.
އައިސަމް ބޯޅަ ފޮނުވާލީ އޭރިއާގެ ތެރެއަށް ނަގައިދިނުމަށެވެ. ނާއިޒު އެ ބޯޅައިގައި ޖަހަން ފައި ހުރާލިނަމަވެސް އޭނާގެ ފައިގައި ލައްވައެއް ނުލި އެވެ. ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.
މި ސީޒަނުގައި މާޒިޔާއިން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ.