އިޓަލީގެ ނޭވީން ޣައްޒާ ފްލޮޓީލާ ބެލެހެއްޓުން ހުއްޓާލަނީ
އިޓަލީގެ ނޭވީން ޣައްޒާ ފްލޮޓީލާ ބެލެހެއްޓުން ހުއްޓާލަނީ

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް ބަނޑަށް ޖައްސާފައި އޮންނާތީ އެކަން ސަމާލުކަމަށް ގެނެސް، އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާއަށް ވަންނަން ކަނޑުމަގުން ދަތުރުކުރާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ އުޅަނދުތައް ބެލެހެއްޓުން ވަކި ހިސާބަކުން ހުއްޓާލާނެ ކަމަށް އިޓަލީން މިރޭ ބުނެފި އެވެ.

ފަންސާހާ ގާތްކުރާ އަދަދަކަށް އުޅަނދު ހިމެނޭ ފްލޮޓީލާ އެކު އިޓަލީގެ ނޭވީން ދަތުރުކުރަމުން ދިޔަ ނަމަވެސް ޑިފެންސް މިނިސްޓްރީން މިރޭ ބުނީ ޣައްޒާއާ 150 ނޯޓިކަލް މޭލް (278 ކިލޯމީޓަރު) ކައިރިއަށް ފްލޮޓީލާ ދިއުމާ އެކު ނޭވީން އެ އުޅަނދުތައް ދޫކޮށްލާނެ ކަމަށެވެ.

މިއީ ފްލޮޓީލާއިން މީގެ ކުރިން ވެސް ޣައްޒާއަށް ދާންކުރި މަސައްކަތް ހުއްޓުވައި އިޒްރޭލު ސިފައިން އަރައި އެކްޓިވިސްޓުން ހައްޔަރުކުރި ސަރަހައްދެވެ.

އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ ފްލޮޓީލާއާ އެކު އިޓަލީގެ ނޭވީ ބޯޓުތައް ދަތުރުކުރުން 150 މޭލު ސަރަހައްދާ ހިސާބުން ހުއްޓާލާނެކަން ކުރިން ވެސް އަންގާފައި ވާނެ ކަމަށް އިޓަލީގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ފްލޮޓީލާގެ އެކްޓިވިސްޓުންނަށް އިޓަލީގެ ނޭވީން ދެ ފަހަރަށް އިންޒާރު ދޭނެ ކަމަށާއި އެންމެ ފަހު އިންޒާރު ޖީއެމްޓީން މިރޭ މެންދަމު 12 ޖަހާއިރު ދިނުމަށް ފަހު އިޓަލީގެ ނޭވީ ދުރަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ވަގުތަކީ އިޒްރޭލުން ބަލަހައްޓާ ކަނޑުގެ ސަރަހައްދަށް އުޅަނދުތަކަށް ވަދެވޭނެ ކަމަށް ލަފާކުރެވޭ ގަޑި އެވެ.

އިޓަލީގެ ފްލޯޓިލާގެ ތަރުޖަމާން މާރިއާ އެލީނާ ޑެލިއާ މިއަދު ކުރިން ވިދާޅުވި ގޮތުގައި، "އިޒްރޭލާ އެކު ޑިޕްލޮމެޓިކް އިންސިޑެންޓެއް" ހިނގިޔަ ނުދިނުމަށްޓަކައި، ފްލޮޓީލާ ވަކި ހިސާބަކުން ދޫކޮށްލަން ސަރުކާރުން ނިންމާފައިވާކަން އޭގެ އެކްޓިވިސްޓުންނާ ވެސް ހިއްސާކޮށްފައިވާނެ އެވެ.

އޭނާ ވިދާޅުވީ ޣައްޒާއާ ކައިރި ނުވާން އިޓަލީން ދޭ އިންޒާރަށް ފްލޮޓީލާގެ އެކްޓިވިސްޓުން އަޅާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ގްރީސްގެ ކަނޑުގެ ސަރަހައްދުގައި ފްލޮޓީލާގެ އުޅަނދުތަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވުމުން އިޓަލީ އާއި ސްޕެއިން އިން ވަނީ އެ ފްލޮޓިލާއަށް އެހީވުމަށް ކަނޑުގެ އުޅަނދުތައް ފޮނުވައިފަ އެވެ. މި ހަމަލާތައް ދިނީ އިޒްރޭލުން ކަމަށް ފްލޮޓީލާއިން ތުހުމަތުކުރި ނަމަވެސް އެ ވާހަކައަށް އިޒްރޭލުން ރައްދެއް ނުދެ އެވެ. އެކަމަކު ބުނެފައިވަނީ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވާނެ ކަމަށާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމީ "ހަމާސްއާ ހަނގުރާމަކުރާއިރު ގާނޫނީ ގޮތުން މައްސަލައެއް ނޫން" ކަމަށެވެ.

އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވީ އެ ބޯޓުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިޒްރޭލުން ހުއްޓުވައި އެކްޓިވިސްޓުން ހައްޔަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވަނީ ފްލޮޓީލާއިން އިޒްރޭލު ސިފައިންނާ ކުރިމަތިލުމަކަށް ނުގޮސް ގޮތް ދޫކޮށް، އުޅަނދުތަކުގައި ހުރި އެހީގެ ސާމާނު ސައިޕްރަސް މަގުން ގެންދަން އިލްތިމާސްކުރައްވައިފަ އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ އޮކްޓޫބަރު 7، 2023 ގަ އެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި އެ ހަމަލާގައި މިހާތަނަށް ފަލަސްތީނުގެ 66،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.