އިސްލާހީ ފިޔަވަޅުތައް އިއުލާންކޮށް، ފެނަކައިން ބުނީ މިހާރުގެ މެނޭޖުމަންޓުން އުސޫލުން ބޭރު ނުވާ ކަމަށް
އިސްލާހީ ފިޔަވަޅުތައް އިއުލާންކޮށް، ފެނަކައިން ބުނީ މިހާރުގެ މެނޭޖުމަންޓުން އުސޫލުން ބޭރު ނުވާ ކަމަށް

މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން މިހާރު ވެސް ފަށާފައިވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

އޮޑިޓަ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓު ބިނާކޮށްފައި އޮތީ 2021 އިން 2023 އަށް ފެނަކަ ހިންގި ގޮތުގެ މައްޗަށެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި ކޮރަޕްޝަންގެ ޖަރީމާތައް އެ ރިޕޯޓުގައި ވެ އެވެ. ހާއްސަކޮށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާ ގުޅޭ ބޮޑެތި މައްސަލަތަކެއް ހމެނެ އެވެ.

އެ އޮޑިޓް ރިޕޯޓާ ގުޅުވައިގެން ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ލަސްކުރުމެއް ނެތި މިހާރު ވެސް އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފެނަކަ އިން ބުނި ގޮތުގައި، އެ ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބަލައި، އެއީ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއަށް ފައްތާފައިވާ ކަންކަން ތޯ ކަށަވަރު ކުރަން މޮނިޓަރިން ނިޒާމެއް ގާއިމް ކުރުމެވެ. ދެން ހިމެނެނީ ސްޓޭކްހޯލްޑަރުންނާ މުއާމަލާތް ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމާއި ރިޕޯޓު ކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމެވެ.

- އެންމެ އަސާސީ އެއް ފިޔަވަޅަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުން. އެއީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާ ކަންކަން ތަކުރާރުވިޔަ ނުދޭން އަޅާ ފިޔަވަޅެއް ކަމަށް ފެނަކަ އިން ބުނޭ.

- ފެނަކަ އިން ބުނީ އެ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން އެ ތަން ހިންގަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ފެނަކައިގެ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދޭ ކަމަށް. އެ އުސޫލުތަކުގެ ބޭރުން އެއްވެސް އަމަލެއް ނުހިންގޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދޭ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވޭ.