30 ސެޕްޓެމްބަރ 2025 - 20:34

ބަދަލުތަކާ ފައިހަމަކުރެވޭވަރުގެ އާއިލީ އަދުލުގެ ގާނޫނެއް ރާއްޖެއަށް މިއަދު ވަރަށް މުހިއްމުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދިޔަ އާއިލީ އިޖުރާއަތުގެ ޓްރެއިނިން ޕްރޮގްރާމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުމަށް އާއިލާތަކުގެ ތެރޭގައި އޮންނަ ގުޅުން މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި އާއިލީ އަދުލުގެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި އޮތުމަކީ މުޖުތަމައުގެ ހަމަޖެހުމާއި ކާމިޔާބީއަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެފަދަ ފުރިހަމަ ނިޒާމެއް ގާއިމުކުރެވިފައިވާ ނަމަ، އާއިލާތަކުގެ ހައްގުތައް ކަށަވަރުކުރެވޭނެ ކަމަށާއި އޭގައި އަނބިމީހާ އާއި ފިރިމީހާގެ ހައްގުތަކާއި ދަރީންގެ ހައްގުތަކާއި މައިންބަފައިންގެ ހައްގުތަކާއި ގެވެށި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތަކާއި އެތައް ބަޔަކާ ގުޅިފައިވާ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދެވޭނެ ކަމަށް ޣަނީ ވިދާޅުވި އެވެ.
އެކަމަކު އެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން، ޣަނީ ވިދާޅުވީ އެކަމުގައި އަވަސް ހައްލެއް ބޭނުންވާ ތިން ކަމެއް ވެސް އެބަ އޮތް ކަމަށެވެ.
އޭގެ ތެރޭގައި ޣަނީ ވިދާޅުވި ގޮތުގައި މުޖުތަމައުއަށް މިހާރު އައިސްފައިވާ ބަދަލުތަކާ އެކަށޭނެ އާއިލީ އަދުލުގެ ގާނޫނެއް ބޭނުންތެރި އެވެ. މިހާރު އަމަލުކުރަމުން އަންނަ އާއިލީ ގާނޫނަކީ މީގެ 25 އަހަރު ކުރީގެ ގާނޫނެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ހީނުކުރާ ފަދަ އެތައް ބަދަލުތަކެއް މުޖުތަމައުއަށް އައިސްފައިވާކަމަށް ވިދާޅުވި އެވެ.
"އޭގެ ތެރެއިން ބައެއް ބަދަލުތަކަކީ، އަޅުގަނޑުމެންގެ އާއިލީ ހަމަޖެހުމަށް ނުހަނު ބޮޑެތި އަސަރުތަކެއް ކުރުވި ބަދަލުތަކަކަށް މިވަނީ ވެފައި. އެހެންކަމުން މި ބަދަލުތަކާ ފައިހަމަކުރެވޭވަރުގެ އާއިލީ އަދުލުގެ ގާނޫނެއް މިއަދު މިވަނީ ވަރަށް މުހިންމުވެފައި،" ޣަނީ ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އާއިލީ އަދުލާ ގުޅޭ އާ ގާނޫނެއް ތައާރަފުކުރެވެންދެން މިހާރު އަމަލުކުރަމުންދާ އާއިލީ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ ބެލެނިވެރިކަން ޝަރުއީ ދާއިރާއަށް ވީއެންމެ އަވަހަކަށް ލިބުން ކަމަށެވެ. މިހާރު އޮންނަ ގޮތުން ގަވާއިދަަށް ބަދަލެއް ގެނެސް، ވަކި ކަމެއް ހައްލުކުރެވިދާނެ ކަމަށް ފެނިގެން އެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ބަލާއިރު އެއީ އެހެން އިދާރާއެއްގެ ބެލެނިވެރި ގާނޫނަކަށްވެފައިވާ ކަމަށް ޣަނީ ވިދާޅުވި އެވެ.
އޭގެ އިތުރުން އާއިލީ މައްސަލަތައް ބަލާނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރެވޭ ފަދަ ޖާގައެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް ޣަނީ ވިދާޅުވި އެވެ. އަދި ބައެއް ބާވަތުގެ އާއިލީ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވާ ތަންތަނަކީ ވަކި މިންގަނޑެއްގައި ހުންނަންޖެހޭ ވަކި ސިފަތަކެއް ލިބިގެންވާ ތަނަކަށް ވާންޖެހޭ ކަމަށް ކަނޑައެޅިފައިވާ ކަމަށާއި އެކަމަކު އެކަމަށް ޖާގަ ކޮބައިތޯ ސުވާލު އުފެއްދެވި އެވެ.
މާލޭގެ ދެ ސަރަހައްދެއްގައި ފެމިލީ ކޯޓު ހިންގަމުން އަންނައިރު އެ ކޯޓުގެ ޖާގަ ފުރި، ހާސްވެ، ނުތަނަވަސްވެފައިވާ މާހައުލެއްގައި ފަނޑިޔާރުންނާއި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި އެތަނުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޣަނީ ވިދާޅުވި އެވެ.