30 ސެޕްޓެމްބަރ 2025 - 19:50

އުމުރުން 17 އަހަރުގެ ހުސައިން ސުހާދު ސުހާން، 10 މިނެޓުން ހެދި ހެޓްރިކާ އެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ން ޓީސީ ބަލިކޮށްފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުގައި ޓީސީން ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ޔޫވީން ނަތީޖާ ބަދަލުކޮށް މެޗު ކާމިޔާބު ކުރީ 4-1 ންނެވެ.
މި މޮޅަކީ ޔޫވީން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު ދެ މެޗުގައި އެ ޓީމު ވަނީ ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް އަތުން ބަލިވެފަ އެވެ. ޓީސީ އަށް އަދި މިހާތަނަކަށް މެޗަކުން މޮޅެއް ނުހޯދެ އެވެ.
މިއަދުގެ މެޗުގައި ތަރިއަކަށްވީ ދެވަނަ ހާފުގައި ޔޫވީ އަށް ނަތީޖާ ބަދަލުކޮށްދިން ސުހާދެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހައި ޓީސީގެ އަހްމަދު ރިލްވާން (ބެން) އެ ޓީމަށް ލީޑް ނަގައި ދިނެވެ. އެކަމަކު ދެވަނަ ހާފަށް ނުކުމެ އެ ހާފުގެ ކުރީކޮޅު ސުހާދު ވަނީ ޔޫވީ އަށް ނަތީޖާ ހަމަހަމަކޮށް ހެޓްރިކާ އެކު، އެ ޓީމަށް ލީޑް ވެސް ފުޅާކޮށް ދީފަ އެވެ.
އޭނާގެ ފުރަތަމަ ލަނޑު ޖެހީ 48 ވަނަ މިނެޓްގަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން އަނެއްކާ އިތުރު ލަނޑެއް ޖަހައި ލިޑް ވެސް ނަގައި ދިނެވެ. އޭނާ ހެޓްރިކް ހެދީ 58 ވަނަ މިނެޓްގަ އެވެ.
އުމުރުން 17 އަހަރާއި 11 މަހުގައި ހެދި ހެޓްރިކާ އެކު ސުހާދަކީ، ދިވެހި ލީގުގެ ނަން، ދިވެހި ޕްރިމިއާ ލީގަށް މީގެ 10 އަހަރު ކުރިން ބަދަލު ކުރި ފަހުން ލީގުގައި ހެޓްރިކެއް ހެދި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އެވެ.
ޔޫވީގެ ހަތަރުވަނަ ލަނޑު ޖެހީ އިޝްއާފް މުހައްމަދު ފިރާގެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމުންނެވެ.
އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން އިޝްއާފް، ފޮނުވާލީ ހިތްގައިމުކޮށެވެ.