ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ހައްގުގައި ޗައިނާގެ ދައުރަށް ރައީސްގެ ތައުރީފު
ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ހައްގުގައި ޗައިނާގެ ދައުރަށް ރައީސްގެ ތައުރީފު

ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، އެ މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުރީފު ކުރައްވައިފި އެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ހައްގުގައި ޗައިނާގެ ދައުރަށް ރައީސްގެ ތައުރީފު
ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ހައްގުގައި ޗައިނާގެ ދައުރަށް ރައީސްގެ ތައުރީފު

ޗައިނާގެ 79 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބޭއްވި ރަސްމީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި، ރައީސް ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ބިނާވެފައިވަނީ އެއްބަސްވުންތަކާއި ކޮންކްރީޓު އަދި ދަގަނޑު ބިނާތަކެއްގެ މައްޗަށް ނޫން ކަމަށާއި ޒަމާންތަކަކަށް ދިގުދެމިފައިވާ ރަހުމަތްތެރި މާޒީ އާއި ތަސައްވުރެއްގެ މައްޗަށް ކަމަށެވެ.

މިގޮތުން، މާލޭގައި ގާއިމުކޮށްފައިވާ ސިނަމާލެ ބުރިޖުން ފެށިގެން އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ބޯހިޔާވަހިކަމުގެ ޔުނިޓުތަކާއި އެތަކެއް ދަރިވަރުންތަކެއް ކިޔަމުންދާ ކްލާސްރޫމްތަކާއި ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުންގެ އަދަދުތަކަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގާއިމުވެފައި އޮތް އެ ރަހުމަތްތެރި ގާތްގުޅުމުގެ ރަމްޒެކެވެ.

ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތައް ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުގެ ނުރައްކާތަކުން ސަލާމަތްވެ، ވިލުންތެރިކަން އިތުރުކުރަން ރާއްޖެފަދަ ކުދި ގައުމުތަކުން ކުރާ މަސައްކަތުގައި، ބޭނުންވަނީ ތަރައްގީ އާއެކު އެއް ތަސައްވުރެއްގެ ދަށުން އެއް އަމާޒަކަށް ގުޅިގެން މަސައްކަތް ކުރާނެ ބައިވެރިން ކަމަށެވެ.

"ދެމެހެއްޓެނިވިކަމާއި، ވިލުންތެރިކަމާއި ހަމަހަމަ ފުރުސަތު ހޯދުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެފަދަ ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކުގެ ފަހަތުގައި، ސާބިތުކަމާއެކީ ޗައިނާ އަބަދުވެސް އޮންނަކަން ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

އަދި ކުދި ގައުމުތައް ބާކިނުވާނެފަދަ ގޮތަކަށް ދުނިޔެ ބައްޓަންކުރުމުގައި ޗައިނާއިން ކެނޑިނޭޅި ކުރާ ވަކާލާތު ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެއާ އެކު ރައީސް ވަނީ، މުސްތަގުބަލުގައި ވެސް، ސިޔާސީ، ވިޔަފާރި، ތައުލީމު ފަދަ ގިނަ ދާއިރާތަކުން ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ފުޅާކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.