01 އޮކްޓޯބަރ 2025 - 08:47

ދިވެހިންގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި ހުންނަ ގޮތުން ކެފޭ/ރެސްޓޯރަންޓުތަކަށް ނުގޮސް ފަރުޖެއްސޭކަށް ނެތެވެ. އެކަމަކު، އަހަރެމެންނާ އެހާ ބޮޑަށް ގުޅިފައިވާ ތަންތަނުގެ އާންމު ސާފުތާހިރުކަމަށް ސަމާލުކަމެއް ދެވޭ ހެންނެއް ހީއެއް ނުވެ އެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ހިންގާ މަދު އިންސްޕެކްޝަންތަކުގައި އަމަލުކުރާ ގޮތަށް އެކަނި ބެލިޔަސް އެކަން ފުދޭނެ އެވެ. ސާފުތާހިރުކަން ކުޑަވެގެން ތަނެއް ބަންދުކުރިޔަސް އެ ތަނެއްގެ ނަން އެއީ އެންމެ ބޮޑު އެއް ސިއްރެވެ. ސުވާލު ކުރިޔަސް ޖަވާބެއް ނެތެވެ.

މިހާރު ވެސް މާލެ ސަރަހައްދުގައި މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ބޮޑު އޮޕަޝަނެއް ކުރިއަށް ގެންދާއިރު އެތައް ތަނަކާ މެދު ފިޔަވަޅު އަޅައިފި އެވެ. މިދިޔަ މަހުގެ 21 އިން ފެށިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި އެ އިދާރާތަކުން ބަލާ ކަންކަމުން ފެއިލް ވެފައި ވާތީ ބަންދުކުރާ ކެފޭ/ރެސްޓޯރަންޓުތަކުގެ ލިސްޓު އޮތީ ގައުމުގެ ބޮޑު ސިއްރުގެ ގޮތުގަ އެވެ.

މި ފަހަރުގެ އިންސްޕެކްޝަނުގެ ފުރަތަމަ ދުވަހު އެކަނިވެސް މާލެ އިން 25 ތަނެއް ބަންދުކުރަން ޖެހުނެވެ. އެއީ ދުރާލާ އަންގައިގެން އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމުން ވެސް ވީ ވަރެވެ. އިންސްޕެކްޓު ކުރާ މީހުން ކުއްލި ގޮތަކަށް ކެފޭ/ރެސްޓޯރަންޓުތަކަށް ވަދެ އެ ތަންތަނުގެ ތެރެ ހާވާލާއިރު ފެންނަނީ އާންމުންގެ ސިއްހަތާ ގުޅުން ހުރި ބޮޑެތި މައްސަލަތަކެވެ.

އެ ކަމަކު، އެ ތަނުން އާންމުކޮށް ހިދުމަތް ހޯދާ އަހަރެމެން ކަހަލަ މީހުންނަށް އޭގެ އެއްވެސް ތަފުސީލެއް ނެތެވެ. އެ ތަނެއް ބަންދުކުރީ މީދާ، ކުރަފި ފެނިގެންތޯ ބަދިގެ ތެރޭގެ އާންމު ސާފުތާހިރުކަން ކުޑަވެގެންތޯ ނުވަތަ ކަމާ ގުޅޭ ހުއްދަ ނެތުމުން ކަމެއް ނޭނގެ އެވެ. މީގެ ދުވަސްތަކެއް ކުރިއަށް ޖެހިލާ ނަމަ މާލޭގެ ހޮޓަލެއްގެ ބަދިގެ ތެރޭގައި ބަކަރި ގެންގުޅުން ފަދަ ކަންކަން ފަޅާ އަރާފައި އެބަހުއްޓެވެ. އެ ހޮޓަލުގެ މައުލޫމާތު ވެސް އޭރު އާންމުކުރި އެވެ.

"އެ ދުވަސްވަރާ އަލާ ބަލާއިރު މާލެތެރޭގެ ހާލަތު މިހާރު މާ ބޮޑަށް ގޯސް. ކުދިކުދި ކެފޭތައް އޮބި ނޯންނަވަރަށް އެބައޮތް. ގިނަ ތަންތަން އެ ހުންނަނީ ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލާފައި. އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު އެ ތަންތަނަށް އެ ވަންނަނީ. ކަމާ ގުޅޭ އިދާރާތަކުން ވަދެ އެ ތަންތަން އިންސްޕެކްޓް ކުރާއިރު، އާންމު ސާފުތާހިރުކަން ގޯސް ނަމަ އެ ތަނެއްގެ މައުލޫމާތު އާންމު ކުރުމަކީ ލާޒިމް ކަމަކަށް ހަދަން ޖެހޭ،" މާލޭގައި ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަން ހިންގުމުގެ ތަޖުރިބާކާރަކު ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ބަންދުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ސާފުތާހިރުކަން ދަށްވެގެންނާއި ހުއްދަ ނުހޯދައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނެވެ.
މާލޭގެ ކުދިކުދި ކަންމަތީ ފިހާރަތަކުގައި ހެދިކާ ވިއްކަމުން އަންނައިރު މި އިންސްޕެކްޝަނުގައި މިފަދަ ބައެއް ތަންތަން ވެސް ބަންދުކުރި އެވެ.
އިންސްޕެކްޝަނުގެ ތެރެއިން އެ ތަން ބަންދުކުރީ ސާފުތާހިރިކަން ކުޑަވެގެން ނަމަ އެކަން ބަޔާންކޮށް ނުވަތަ ހުއްދަ ނުހޯދައި ކާބޯތަކެތީ ހިދުމަތްދޭ ނަމަ އެ ގޮތަށް ބަޔާންކުރާ ނޯޓިހެއް ދޮރުގައި ހިއްޕަ އެވެ. އެކަމަކު އެ ވަރުން ފުއްދާލައިގެން ތިބެވެގެން ނެތްކަން މި ނޯޓިހުން އެކަނި ވެސް އެނގެ އެވެ.
އެމްއެފްޑީއޭ އިން ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައި ވަނީ ރަޖިސްޓަރީނުކޮށް އެ ތަން ހިންގާތީ، އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށެވެ. އެހެންވެ، އެ ތަނުން ދެމުންދާ ހިދުމަތް ހުއްޓާލަން އަންގާ ކަމަށް އެމްއެފްޑީއޭގެ ނޯޓިހުގައި ވެ އެވެ.
"އެ ނޯޓިހުގައި އޮތް އެއްޗެއް އެނގޭނީ އެ ތަނަށް އާންމުކޮށް ދާ މީހާ އަށް. އެކަމަކު، ބަންދުކުރާ ތަންތަނުގެ ލިސްޓު ކޮންމެ ދުވަހަކު އާންމުކުރާ ނަމަ ކެފޭތަކުގެ ވެރިފަރާތުން ވެސް ޖެހިލުން ވާނެ. ދާއިމަށް ކަންކަން އިސްލާހު ކުރަން މަޖުބޫރު ވެސް ވާނެ. މިހާރު މި ފެންނަނީ އެ މީހުންގެ ހައްގު މާ ބޮޑުވެފައި އޮންނަ ތަން،" ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވާ ނަމަ ނުވަތަ ކަމުން މިދަނީ ކާކު، ކިހިނެއް، ކޮން ގޮތަކަށް އުފައްދާ އެއްޗެއްކަން އެމްއެފްޑީއޭއަށް ޔަގީން ނުކުރެވޭ ހިނދެއްގައި އެންމެ ކުޑަމިނުން އެއީ ކޮން ތަންތަނެއްކަން އާންމުންނަށް އެނގިފައި އޮތުން މުހިއްމެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައިވާ ގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރުން ލާޒިމު ވިޔަސް އެކަން ނުކޮށް ނަން މަޝްހޫރު ތަންތަނުން ވެސް ހިދުމަތް ދެމުންދާކަން އިންސްޕެކްޝަނުން ފާހަގަ ވެފައި އެވެ. ނަން މަޝްހޫރު ބައެއް ކެފޭ/ރެސްޓޯރަންޓުތަކުގެ ސާފުތާހިރުކަން ވަރަށް ރަނގަޅު ވާނެ ކަަމަށް ކަސްޓަމަރުންނަށް ހީވެފައި އޮތަސް ހިތަށް ވެސް ނުގެނެވޭ އެފަދަ ބައެއް ތަންތަން އިންސްޕެކްޝަނުން ފެއިލްވެ، ބަންދުކޮށްފައި އެބަހުއްޓެވެ. މީގެ ކުރިން ނަމަ އެ ތަންތަނުގެ ނަމާއި ތަފުސީލުތައް ވެސް މީޑިއާ އަށް ދޫކޮށްފައި ވެ އެވެ.
ހުޅުމާލޭގެ "ކޮރެއަން ފުޑް ޒޯން" އަކީ މި ފަހުން ޒުވާނުންގެ މެދުގައި މަގުބޫލު ތަނަކަށް ވިޔަސް އެ ތަން ވެސް އިންސްޕެކްޝަނުގައި ބަންދުކުރި އެވެ. ބޭރު ދޮރުގައި ހަރުކޮށްފައިވާ ނޯޓިސްގައި ވަނީ އެއީ ވެސް ނަގަން ޖެހޭ ހުއްދަ ނުނަގައި ހިންގާ ބަޔަކަށް ވާތީ އެ ތަނުން ވިއްކާ ކާއެއްޗެހީގެ ރައްކާތެރިކަން ޔަގީން ނުވާ ކަމަށެވެ.
ނަމަވެސް އެ ނޯޓިސް ހަރުކޮށްފައި ހުއްޓާ ވެސް އިއްޔެ ހަވީރު ވަނީ އެ ތަން ހުޅުވައިގެން ހިދުމަތް ދޭން ފަށައިފަ އެވެ. ނޯޓިހަށް އަމަލުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ކަށަވަރެއް ނޫނެވެ.
މިފަދަ ތަންތަނުގެ މައުލޫމާތު އެނގެނީ މަދު ބަޔަކަށެވެ. އަޅައިގަންނަނީ މަދު ބައެއްގެ ލޮލުގަ އެވެ.
މި ފަހަރު އިންސްޕެކްޝަން ނިމުނުއިރު ވެސް ގަވާއިދާ ހިލާފަށް ހިންގައިގެން ބަންދުކުރި ތަންތަނާއި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ވިއްކަމުން އައީ ކޮން ތަންތަނެއްގައި ކަމެއް އެއްވެސް އިދާރާއަކަށް ބުނެ ނުދެވުނެވެ.
އެކަމަކު މީގެ ކުރިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި މިގޮތަށް ބަންދުކުރާ ތަންތަނުގެ ލިސްޓު އާންމުކުރެ އެވެ. ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓުތަކުގެ ނަން އާންމުކޮށް އެ ތަންތަން ބަންދުކުރަން ޖެހުނު ސަބަބު ކުރިން އާންމުކޮށްފައި އެބަ ހުއްޓެވެ.
އިންސްޕެކްޝަނުގައި މައްސަލަ ދިމާވި ތަންތަނުގެ މައުލޫމާތު މިހާރު އާންމު ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން އެމްއެފްޑީއޭގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ ތަފާސްހިސާބު އާންމުކުރާނެ ކަމަށާއި އެކަމަކު ވަކިވަކި ފަރުދުންނާއި ވިޔަފާރީގެ ނަންތައް އާންމު ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ސިޔާސަތު ކަނޑައަޅާފައި ވަނީ ހަމައެކަނި ތަފާސްހިސާބުތައް އާންމުކުރުމެވެ.
މިންގަނޑަށް ނުފެތޭ ތަންތަން އާންމު ކުރުމަކީ މުހިއްމު ކަމެއް ނޫންތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ، އެ އިންސްޕެކްޝަނުގެ މަގުސަދަކީ ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ވިޔަފާރިތަކުން ވެސް އާންމު މިންގަނޑަށް ބޯލަނބާތޯ ބެލުން ކަމަށެވެ. އަދި ރައްކާތެރިކަމުގެ މިންގަނޑުތައް އެންމެން ވެސް ދެނެގަތުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
މި ފަހަރުގެ އިންސްޕެކްޝަނުގެ މައުލޫމާތު އާންމުނުކުރިޔަސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެމްއެފްޑީއޭ އަށް ލިބުނު ޝަކުވާތަކަކާ ގުޅިގެން ހަ ތަނެއް އިންސްޕެކްޓްކޮށްފައިވާއިރު އެ ހުރިހާ ކެފޭ/ ރެސްޓޯރަންޓެއްގެ މައުލޫމާތު ވެސް އާންމުކުރި އެވެ. އެ އިންސްޕެކްޝަނަށް ފަހު އާންމު ސިއްހަތަށް ނުރައްކާތެރިވެދާނެ ހާލަތެއް ކުރިމަތިވެދާނެތީ ހޮޓަލަކާއި އިތުރު ކެފޭ އަކާއި ރަޖިސްޓްރީ ނުކޮށް ހިންގަމުންދިޔަ ބަދިގެ އަށް ނޯޓިސްދީ، އެ ތަންތަނުގެ މައުލޫމާތު ހާމަކުރި އެވެ.
މާޒީގައި އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު ސިޔާސަތުތަކަށް ބަދަލު ގެނެފައިވާ ކަން އެނގެ އެވެ. އެކަމަކު، އޭގެ ހުރިހާ ގެއްލުމަކާ ގުޅިފައި ވަނީ އާންމުންގެ ސިއްހަތާ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުނީ، ބިދޭސީން ހިދުމަތްދޭ ކެފޭއަކުން ހުއްދަ ނެތި ހިދުމަތް ދޭތީ، މި ފަހަރުގެ އިންސްޕެކްޝަންގެ ތެރެއިން އެ ތަން ބަންދު ކުރަން އަންގައި އެ ތަނުގެ ބޭރުގައި ނޯޓިސް ޖެހިތާ މާ ގިނައިރު ތަކެއް ނުވެ ފެނުނީ ހިދުމަތް ދޭން ފެށި ތަން ކަމަށެވެ.
"އެ ތަނުގައި ހުރި ބޭރު މީހާ ބުނީ ބޮސް އެންގީއޭ ހުޅުވަން. އޯކޭ ވާނެއޭ،" މަންޒަރު ފެނުނު މީހާ ކިޔައިދިނެވެ.
ގައިމު ވެސް ހިދުމަތް ދިނުމުގެ ހުއްދައިގެ ލިޔުން އެ ދުވަހުގެ އެ ވަގުތު ނުލިބޭނެ އެވެ. އެކަމަކު، އިންސްޕެކްޓް ކުރާ މީހުން ލޯ މަތިން ގެއްލޭ އިރަށް އެ ތަން ހުޅުވީ އެވެ.
"އިންސްޕެކްޝަނުން ފެއިލް ވާ ތަންތަނުގެ ލިސްޓު އާންމު ކުރާ ނަމަ ގިނަ ބަޔަކަށް އެނގި ގަވާއިދާ ހިލާފު ވުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަވީސް. ހަމަ އެ ތަންތަން އިތުރު ބުރުތަކުގައި އިންސްޕެކްޓް ކުރަން ވެސް ވާނެ،" ކޭޓަރިންގެ ހިދުމަތް ދެއްވާ އިސްބޭފުޅަކު ވިދާލުވި އެވެ.
ސާފުތާހިރުކަން ކުޑަވެގެން 25 ތަނެއް ބަންދުކުރި ޚަބަރު މިދިޔަ ހަފުތާގައި "މިހާރު" ގައި ޝާއިއުކުރުމުން މީހަކު ކުރި ކޮމެންޓެއްގައި ބުނީ އެފަދަ ތަންތަނުގެ ސާފުތާހިރުކަން ނެތިގެން ބަންދު ކުރަންޖެހޭ ހިސާބަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"އެފަދަ ތަންތަނުން ކައިބޮއެ އުޅޭ މީސްމީހުންގެ ރައްކާތެރި ކަމަށް ބަލާއިރު ސާފުތާހިރު ނޫން ތަންތަން ރައްޔިތުންނަށް އެނގެން ޖެހޭ. އެ ތަންތާގެ ލިސްޓު އާންމު ކުރަންޖެހޭ،" އެ މީހާގެ ކޮމެންޓުގައި ވެ އެވެ.
އެހެން ކޮމެންޓެއްގައި ވެސް ބުނެފައިވާ ގޮތުން "ތި ބަންދު ކުރާ ތަންތަނުގެ ލިސްޓެެއް ފެންނަ ގޮތަށް އޮތުން ވަރަށް ރަނގަޅު،" އެވެ.
އަނެއް ބަޔަކު ވަނީ މިފަދަ އިންސްޕެކްޝަންތަކުގެ މަގުސަދު ހާސިލުވޭތޯ ސުވާލު އުފައްދައިފަ އެވެ. ސަބަބެއް ކަމަށް އެ މީހުން ދެއްކީ އިންސްޕެކްޝަނުގައި ފެންނަ ބޮޑެތި މައްސަލަތައް ވެސް އެ ވަގުތުން ވަގުތަށް ރަނގަޅު ކުރުމުން ދެން ދޫކޮށްލާތީ އެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް މައްސަލަތަކާ އެކު ކުރިއަށް ދިޔަސް އެކަން ގަވާއިދުން އިންސްޕެކްޓް ނުކުރެވޭ މައްސަލަ އެވެ. އަދި ހުއްދަ ނުހޯދައި ހިންގި ތަންތަން ޖޫރިމަނާ ކޮށްގެން ވިޔަސް އެކަން ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށް މީހުން ބުނެފައިވެ އެވެ.
އާންމުކޮށް ނޯޓިސް ނައްޓައި ހިދުމަތް އަލުން ފަށަން ޖެހޭނީ އެ ތަންތަނުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ފަހު، އެކަން މިނިސްޓްރީ އަށް އަންގައި، އެތަން އަލުން ބަލައިފާސްކޮށް، ރައްކާތެރިކަން ކަށަވަރު ވުމުންނެވެ. އެކަމަކު ބަންދުކުރީ ކޮން ތަންތަނެއް ކަމެއް ނޭނގޭ ހާލަތުގައި އަލުން ހުޅުވައިގެން ހިދުމަތް ދިނަސް އެކަން ވަކި އިދާރާތަކަށް ރިޕޯޓު ކުރަން އެނގޭނީ ކިހިނެއް ހެއްޔެވެ؟
ކެފޭތަކާއި ރެސްޓޯރެންޓްތައް ދޭތެރެއަކުން ބަލައި ރައްކާތެރިކަމުގެ މިންގަނޑަށް ފައްތަން ފިޔަވަޅު އެޅި ނަމަވެސް ފިހާރަތަކަށް ލާ ކާބޯތަކެތި އިންސްޕެކްޓު ކުރުމަކީ އާންމު ކަމެއް ނޫނެވެ. ދިވެހި ލޭބަލް ޖަހައިގެން، ކުދި ގުޅަ އާއި ބަޖިޔާ ކަހަލަ ތެލުލި އެކި ސާމާނުތައް ޕެކެޓްކޮށް ވިއްކަމުން އަންނައިރު ހަގީގަތުގައި މި ތަކެތި ގެންނަނީ ކޮން ތަނަކުން ކަމެއް ވެސް ނޭނގެ އެވެ.
ބުޅާ މަހުން ކާބޯތަކެތި ހަދައި ފިހާރައަކަށް ލައިގެން ވިއްކި ކަމަށް ބުނެ މިދިޔަ އަހަރު ފެންމަތިވި މައްސަލައަކާ އެކު ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ/ރެސްޓޯރަންޓުތަކާއި ގޭގައި އުފައްދާ ކާބޯތަކެތި ހެދުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކެއް ހެދި އެވެ. އެކަމަކު ގަވާއިދެއް ހެދިޔަސް އެކަން ވެސް ރަނގަޅަށް މޮނީޓާ ކުރެވޭ ތަނެއް ނުފެނެ އެވެ.
އެފަދަ ހާލަތެއްގައި ކަންކަން ހިނގަމުން ދާއިރު ހާއްސަ އިންސްޕެކްޝަންގައި ބަންދުކުރާ ތަންތަން ސިއްރު ކުރާ ނަމަ އިންސްޕެކްޝަނުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ އާންމުންނަށް ކާބޯތަކެއްޗާއި އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ ފުރަތަމަ ފިޔަވަޅު އެޅެން އޮތީ ވެސް އެ ތަންތަން އެނގިގެންނެވެ. ސިއްރު ކުރި ވަރަކަށް ގެއްލެނީ ހިދުމަތް ހޯދާ މީހުންގެ ހައްގެވެ. ހުރިހާ ފައިދާއެއް އަނެއްކާ ވެސް އާންމުންގެ ސިއްހަތަށް ގެއްލުންވާ ގޮތަށް ހިދުމަތް ދިން މީހުންނަށެވެ. ބޮޑެތި ވިޔަފާރިވެރިންނަށެވެ.