އަނެއްކާ ވެސް އަގުބޮޑު ދުބާއީ ދަތުރެއް، މިފަހަރު ގއ. އަތޮޅު ކައުންސިލުން
އަނެއްކާ ވެސް އަގުބޮޑު ދުބާއީ ދަތުރެއް، މިފަހަރު ގއ. އަތޮޅު ކައުންސިލުން

ތަޖުރިބާ ހޯދުމަށް ޓަކައި ގއ.އަތޮޅު ކައުންސިލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވިޔަފާރީގެ މަރުކަޒީ ރަށް ދުބާއީ އަށް ކުރި އެންމެ ދަތުރަކަށް 500،000.ރ އަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ގއ.އަތޮޅު ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް 2023 ގައިވާ ގޮތުން އެ ކައުންސިލުން 2023 ވަނަ އަހަރު ދުބާއީ އަށް ކުރި ދަތުރުގައި 10 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދަތުރަށް، 564،917.ރ ހަރަދުކުރި އިރު އޭގެ ބޮޑު ބަޔަކީ ދުބާއީގައި ހުރުމާއި ކެއުމަށް ކުރި ހަރަދެވެ. އެކަމަށް 443،633.ރ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.

ދަތުރުގައި ޓިކެޓް ފިޔަވައި ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައި އޮތީ ޕޮކެޓް މަނީ އަށެވެ. އެއީ ޖުމްލަ 43،947.ރ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ދަތުރުގައި އެއާ ޓިކެޓަށް ހަރަދުކޮށްފައި ވަނީ 66،306.ރ އެވެ.

ދަތުރުގައި ބިލުތަކާ އެކު ހިސާބުތައް ބެލެހެއްްޓި ހަރަދުގެ އިތުރުން ބިލުތައް ނެތި އިންސިޑެންޝަލްގެ ގޮތުގައި ވެސް 11،043.ރ ހަރަދުކޮށްފައި ވެ އެވެ.

ގއ.އަތޮޅު ކައުންސިލުން އޮޑިޓަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ދަތުރުގެ ބޭނުމަކީ ޔޫއޭއީގައި ލޯކަލް ކައުންސިލްތައް ހިނގަމުންދާ ގޮތް ބަލައި ތަޖުރިބާ ހޯދުމެވެ. ދުބާއީގެ މުނިސިޕަލް ކައުންސިލްތަކަށް ޒިޔާރަތްކޮށް އަލަށް އާބާދުކުރާ ސަރަހައްދުތަކަށް ޒިޔާރަތްކުރި ކަމަށް ވެސް ބުނެފައި ވެ އެވެ.

އޮޑިޓަށް ފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކައުންސިލަށް ލަދާ ދީފައި އޮތީ އެފަދަ ދުތުރުތަކަށް ސްޕޮންސާ ހޯދައިގެން ހަރަދުކުރުމަށެވެ.