ސައޫދީއަށް ދާ މީހުންނަށް "ވިޒިޓާ އައިޑީ" ބޭނުންކޮށްގެން ބޭންކް އެކައުންޓް ހުޅުވޭ ގޮތް ހަދައިފި
ސައޫދީއަށް ދާ މީހުންނަށް "ވިޒިޓާ އައިޑީ" ބޭނުންކޮށްގެން ބޭންކް އެކައުންޓް ހުޅުވޭ ގޮތް ހަދައިފި

ސައޫދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ މީހުންނަށް އެ ގައުމުގެ އިންޓީރިއާ މިިނިސްޓްރީން ދޫކުރާ "ވިޒިޓާ އައިޑީ" ކާޑު ބޭނުންކޮށްގެން އެ ގައުމުގައި ބޭންކް އެކައުންޓް ހުޅުވައި ޑިޖިޓަލް ވޮލެޓްތަކުގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

ސައޫދީ ސެންޓްރަލް ބޭންކް (ސަމާ) ގެ ގަވައިދަކަށް ގެނައި ބަދަލު ގެނެސް، ގައުމަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ބޭންކް އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސީ މާލީ ނިޒާމުގައި ބައިވެރިވުން ބޮޑުކުރުމަށާއި ޑިޖިޓިލް ޓްރާންސްފޮމޭޝަން ހަލުވިކުރުމަށް ސައޫދީގެ "ވިޒަން 2030" ގައި ކަނޑަައަޅާފައިވާ ލަނޑުދަނޑު ހާސިލްކުރުމަށެވެ.

ސައޫދީގެ މަރުކަޒީ ބޭންކުން މިހާރު ވަނީ ވިޒިޓާ އައިޑީ ކާޑަކީ ބޭންކް އެކައުންޓް ހުޅުވުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުމެއް ކަމަށް ކަނޑައަޅައި އެގޮތަށް އަމަލުކުރުމަށް ބޭންކްތަކަށް އަންގައިފަ އެވެ. މި އައިޑީ ކާޑަކީ އެ ގައުމުގެ ޑިޖިޓަލް ޕްލެޓްފޯމްތަކުން ވެރިފައިކުރެވޭ ކާޑެކެވެ. މިއީ ޓޫރިސްޓުންގެ ގޮތުގައި ދާ މީހުންނާއި ވިޔަފާރިވެރިންނާއި ހައްޖާއި އުމްރާގެ އަޅުކަމަށްދާ މީހުންނަށް ވެސް އެއީ ކޮން ބޭނުމެއްގައި އައިސް އުޅޭ ކާކުކަން އަންގައިދޭ ގޮތަށް ދޫކުރާ ކާޑެކެވެ.

މީގެ ކުރިން ނަމަ، ސައޫދީއަށް ޒިޔާރަތްކުރާ މީހުންނަށް ބޭންކް އެކައުންޓް ހުޅުވުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ. އެންމެ ބޮޑު ހުރަހަކީ ކާކުކަން އަންގައިދޭ ލިޔުމުގެ ގޮތުގައި ބަލައިގަންނަ ލިޔުންތަކުގެ މައްސަލަ އެވެ.

ބޭންކް އެކައުންޓް ހުޅުވުމަށް ފަހު ވިޒިޓާ އައިޑާ ކާޑާ ބޭންކް އެކައުންޓް ލިންކްކުރެވޭނެ އެވެ. އަދި އެ ކާޑު ސައޫދީގެ ލޯކަލް މޮބައިލް ވޮލެޓްތަކުގައި ބޭނުންކުރެވޭނެ އެވެ. އޭރުން ސައޫދީގައި އުޅޭއިރު ނަގުދު ފައިސާ ބޭނުންކުރަން ނުޖެހި ސީދާ ކާޑުން ނުވަތަ ޑިޖިޓަލް ވޮލެޓުން ޕޭމަންޓްތައް ހެދޭނެ އެވެ.