އުރީދު އާއި ދިރާގުން ކޮފީއަށް އަރާފަ ގުޅާބަލަ!
އުރީދު އާއި ދިރާގުން ކޮފީއަށް އަރާފަ ގުޅާބަލަ!

"ނެތްތަ ކޮފީއެއް؟"

އުރީދު އާއި ދިރާގުން ކޮފީއަށް އަރާފަ ގުޅާބަލަ!
އުރީދު އާއި ދިރާގުން ކޮފީއަށް އަރާފަ ގުޅާބަލަ!

މިހެން މިއެހީ އަބަދު އެކުގައި ކޮފީއަށްދާ ރައްޓެއްސެއް ނޫނެވެ. މިފަހަރު ކޮފީއެއް ނުބޮވިގެން މިއުޅެނީ ޓެލެކޮމް އޮޕަރޭޓަރު އުރީދޫންނެވެ. ކޮފީ ދެންޏާ ދެވިދާނެ ކަމަށް ގިނަ ބަޔަކު ރިޕްލައި ކުރަނިކޮށް ކުއްލިއަކަށް ދިރާގުން ވެސް ކޮފީއަކަށް އަރާ ހިތްވެއްޖެ އެވެ.

ދިރާގުގެ "ޑިޑް ސަމް ވަން ސޭ ކޮފީ؟" ސުވާލާ އެކު ދެ އޮޕަރޭޓަރުންނާ އެކު ގިނަ ބަޔަކު ކޮފީއަށް އަރަން ތައްޔާރުވެއްޖެ އެވެ. ހުއްޓުމެއް ނެތި ދެއްކެނީ ކޮފީގެ ވާހަކަ އެވެ. މި ވާހަކަތަކުން ބޮޑެތި ވިޔަފާރިތަކާއި ކައުންސިލްތަކާއި ކުންފުނިތަކުން ވެސް ކޮފީ ދޭވަރު ކުރުވައިފި އެވެ.

އޭގެތެރޭގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ ވެސް ހިމެނެ އެވެ. ކޮފީއަށް އަރަން އެ ކުންފުނިން ޝަރުތެއް ވެސް ކޮށްފި އެވެ. އެއީ، އެސްޓީއޯ އިން ވިއްކާ ޑެވޯންޑެލް ކިރުގައި ކޮފީ ބުއިމެވެ.

އެސްޓީއޯ އިން ބުނީ "ޑޮވޯންޑެލް މިލްކް ކޮފީއެއް ބޮންޏާ ދެވިދާނެ،" ކަމަށެވެ.

އުރީދު އާއި ދިރާގުގެ ކޮފީގެ ސުވާލު މިވީ އެތައް ބައެއްގެ ޕްރޮޑަކްސް މާކެޓް ކުރުމުގެ ފުރުސަތަކަށެވެ.

އުރީދޫގެ ޕޯސްޓަށް ޕްލޭޑެން ކިޑް އިން ކުުރި ކޮމެންޓްގައި ބުނީ " ކޮފީއެއް ނެތް" ކަމަށާއި ކުޅޭ އެއްޗިހި އެބަހުރި ކަމަށެވެ. އެ ކޮމެންޓަށް އުރީދޫން ޖަވާބެއް ނުދީ ދޫކޮށްލުމުގެ ބަދަލުގައި "ކުދިން ކުޅޭ އިރު މަންމަ އާއި ބައްޕަމެންނަށް ކޮފީ ސަޅިވާނެދޯ" އޭ ބުނެ ޖަވާބު ދިނެވެ.

އުރީދޫގެ އެ ޖަވާބާ އެކު ޕްލޭޑެން ކިޑްސް އިން ވެސް ދޫނުކޮށް އެ މީހުންގެ ޕްރޮޑަކްޓްތައް ޕްރޮމޯޓް ކުރުމުގެ އެތައް ކޮމެންޓެއް ކުރި އެވެ.

އައުޓް ރައިޓް ޓްރޭޑިން ނަމަކަށް ކިޔާ ހޯލްސޭލް ވިޔަފާރިއަކުން އުރީދޫގެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި އިޝްތިހާރުކުރީ އެ މީހުން އެތެރެކުރާ ކޮފީއެކެވެ. އުރީދޫން ބުނީ އޭގެ ގޮތް ބަލާނެ ކަމަށެވެ.

އެގޮތަށް އެތައް ވިޔަފާރިއަކުން އުރީދޫގެ ޕޯސްޓަށް ކުރި ކޮމެންޓްތަކަށް އުރީދޫން ޖަވާބު ދިން އިރު، އެ ތުރެޑްގައި ގިނައިން އޮތީ އިޝްތިހާރެވެ.

ކޮފީއަށް ދާން އުރީދޫއަށް ދައުވަތު ދީ، އާއްމުންގެ އެތައް ބަޔަކު ވެސް އެ ޕޯސްޓަށް މަޖާ ކޮމެންޓްތައް ކުރި އެވެ.

"މިހާރު ކޮފީ ލިބޭ ޓެކްސްޓަކުން" ކޮމެންޓް ކުރި އެކަކު ބުންޏެވެ.

އެހެން މީހަކު ބުނީ ކޮފީއެއް ލިބޭނީ ފަސް ޖީބީއަށް ކަމަށެވެ.

"އެއީ 3-ޖީ ކޮފީތަ ނޫނީ 5-ޖީ ކޮފީތަ؟"

ގިނަ ބަޔަކު ކޮފީއެއް ނުބޮވިގެން އުޅޭތީ އެކަކު ހޯދީ ކޮފީ ވިއްކާ މީހުންނެވެ.

"ކޮބާ ކޮފީ ވިއްކާ މީހުން"؟ މިފަހަރު އުރީދޫ މޯލްޑިވްސް އާއި ދިރާގަށް ވެސް ކޮފީ ދީފައި ހުއްޓާލަންވާނީ"

މަޖާ ކޮމެންޓްތަކުގެ ތެރެއިން ދިރާގާއި އުރީދޫގެ ހިދުމަތާ މެދު ހިތުގައި އޮތް ޝުއޫރުފާޅުކުރި މީހުން ވެސް ތިއްބެވެ. މި ޝުއޫރުތަކާ އެކު ވެސް ކޮފީއަށް އަރަން ތައްޔާރެވެ.

މާދަމާ އަކީ އިންޓަނޭޝަނަލް ކޮފީޑޭ އެވެ. ދިރާގާއި އުރީދުއާ އެކު ކޮފީއަށް އަރަންވީ ކޮން ތަނަކަށް ހެއްޔެވެ؟