30 ސެޕްޓެމްބަރ 2025 - 16:06

ފާއިތުވި 10 އަހަރު ދެކުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ބޭންކުގެ އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.
އެމްއައިބީއިން މި އެވޯޑް ހޯދީ މި ދެކުނު އޭޝިއާގެ ގައުމުތަކާ ވާދަކޮށެވެ. އެމްއައިބީއަކީ 2011 ވަނަ އަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހު 150 މިލިއަން ރުފިޔާއާ އެކު ބެންކިންގެ ހިދުމަތް ރާއްޖޭގައި ފެށި ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކެވެ. މާލެއިން ހިދުމަތް ފެށި އެ ބޭންކަކީ މިހާރު ރާއްޖޭގެ އަތޮޅުތަކަށް ހިދުމަތް ފުޅާކޮށް، އޮންލައިންކޮށް ގިނަ ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.
އެމްއައިބީގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށްފައިވާތީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެމްއައިބީގެ ބްރާންޗަކަށް ނުގޮސް އޮންލައިންކޮށް އެކައުންޓު ހުޅުވޭނެ އެވެ. އަދި އެންމެ ޒަމާނީ މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭންކިން ޕްލެޓްފޯމުގެ އިތުރުން އިސްލާމީ އުސޫލުން ފައިނޭންސިންގެ ހިދުމަތް ލިބޭ އުޖާލާ ޕޯޓަލް ވެސް އެ ބޭންކުން ވަނީ ތައާރަފްކޮށްފަ އެވެ. މިބަދަލުތަކާއެކު އެ ބޭންކުގެ 2024 ވަނަ އަަހަރުގެ އެސްޓް ވެލިއު 10 ބިލިއަނަށް މިހާރު ވަނީ އަރައިފަ އެވެ.
ރާއްޖޭގެ ޒަމާންވީ ކޭޝްކާޑުތަކާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ރީތިކަން ފެންނާނެހެން ކާޑުގެ ޑީޒައިން ބަދަލުކޮށްލި މޭސްތިރިއަކީ ވެސް އިސްލާމިކް ބޭންކެވެ. ދިވެހިންގެ ރިތީ ރާއްޖެ އެގޮތުގައި ދެމެހެއްޓުމަށް ވެސް އެމްއައިބީއިން ގެންދަނީި މަސައްކަތް ކުރަމުންނެވެ. އެގޮތުން ގޮނޑުދޮށް ސާފުކުރުމާއި ވެލާ ކަނހަބާ މެދު އާއްމުން ހޭލުންތެރި ކުރުވުމާއި ގަސް އިންދުން ފަދަ ހަރަކާތްތައް އެ ބޭންކުން ކުރިޔަށް ގެންދެ އެވެ.
އެމްއައިބީ އިން ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް ވެސް ބޮޑު ހޭދައެއް ކުރެ އެވެ. އެ ބޭންކުން އެކި ރަށްރަށުގެ ތައުލީމް ކުރިއެރުވުމަށް އެހީވުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް ކެންސާ ސޮސައިޓީއާއެކު މަސައްކަތް ކުުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކަމާގުޅޭ ވުޒާރާއާއެކު އެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އެމްއައިބީއަކީ ރާއްޖޭގެ އެންމެ ހިއްސާދާރުން ގިނަ އެއް ކުންފުންޏެވެ. އެ ބޭންކާ މެދު ރައްޔިތުން ކުރާ އިތުބާރު އެ ބޭންކުގެ ހިއްސާ ވިއްކަން ހުޅުވާލުމުން ވެސް އެނގިގެންދިޔަ ކަމަށް އެ ބޭންކުން ބުންޏެވެ. އެމްއައިބީއިން ބުނީ އެ ބޭންކުން ދެކޭ ގޮތުގައި އެ ބޭންކުގެ ކާމިޔާބީގެ އަސްލަކީ އެ ބޭންކުގެ ކަސްޓަމަރުންނެވެ. އަދި އެ އެވޯޑުގެ އެ ބޭންކުން ހާއްސަ ކުރަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ކަމަށް އެމްއައިބީއިން ބުންޏެވެ.
އެމްއައިބީއިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެ ބޭންކު ވާނީ ދިވެހިން އިތުބާރު ކުރެވޭނެ ބޭންކަކަށް ކަމަށެވެ.