ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު އެކުވެރިކަމުގެ މެޗަކަށް ނުކުންނަނީ
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު އެކުވެރިކަމުގެ މެޗަކަށް ނުކުންނަނީ

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ކުޅުނު ޓީމާއި މިހާރުގެ ގައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ މެޗެއް އެފްއޭއެމުން ވަރަށް އަވަހަށް ރާވާނެ ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް އަދި އޭރު ގައުމީ ޓީމަށް ކުޅުއްވި އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ފުޓްބޯޅައިން ރާއްޖެ މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަށް 8 އަހަރު ފުރުމާ ގުޅިގެން ކުޅޭ މި މެޗު ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"އަށް އަހަރު ކުރިން މިއަަދު، ރާއްޖޭން ބައިނަލްއަގްވާމީ ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ތަށްޓެއް ކާމިޔާބުކުރި. އެއީ މުޅި ގައުމު އެއްބައިވަންތަކުރުވި ދުވަސް،" ތޯރިގް އިއްޔެ ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ.

ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވި މުބާރާތް ރާއްޖެ ކާމިޔާބުކުރީ ކޮލަމްބޯގެ ސުގަތަދާސަ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި އިންޑިއާ 1-0 އިން ބަލިކޮށްގެންނެވެ.

އޭރު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން، އެންމެ ފަހުން އެކުލަވާލި ސްކޮޑުގައި ހިމެނެނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިމްރާން މުހައްމަދު އަދި މުހައްމަދު އުމެއިރެވެ.

އޭރު ގައުމީ ޓީމަށް ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި އިމްރާނާއި ދަގަނޑޭ އަދި ޓޮމްގެ އިތުރުން އެފްއޭއެމްގެ ނައިބް ރައީސް އަލީ އުމަރާއި ބޯޑް މެމްބަރު އައްސަދު އަބްދުލްގަނީ އާއި މުހައްމަދު ޖަމީލާއި ސޮބާހު މުހައްމަދާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ފައިނަލުގައި ލަނޑު ޖެހި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި އަހުމަދު ސައީދު (އައްމަޓީ) އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) ހިމެނެ އެވެ.