30 ސެޕްޓެމްބަރ 2025 - 12:54

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި ގޮތަށް މިހާތަނަށް ވެސް ނުހުޅުވާ އޮތް އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އެ ރިސޯޓު ހިންގާ ކުންފުނިން އެއްބަސްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ ބުނީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މި އަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވީ ސަރުކާރުން އެ ކުންފުންޏާ އެކު ކުރި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް 2021 ވަނަ އަހަރު ބަންދު ކުރީއްސުރެ އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން އައީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ވެސް ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.
މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އިބްރާހީމް ފައިސަލް ހުންނެވިއިރު އޭނާ ވިދާޅުވެފައިވާ ގޮތުގައި ޝަންގްރިއްލާ ރިސޯޓް އަލުން އޮޕަރޭޝަނަލް ކުރަން ހިނގާ މަރާމާތަށް 25 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ އަލުން ހުޅުވަން ޝަންގްރިއްލާ އާއި އައްޑޫ އިންވެސްޓްމަންޓުން އެެއްބަސްވެފައިވާތީ އެ ދެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ރިސޯޓަކީ އެތަން ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރި ރިސޯޓަކަށް ވާތީ، އެތަން އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ.
އެތަން ފުރަތަމަ ހުޅުވިއިރު އެ ތަން މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ އިގްތިސާދު ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އައްޑު އަށް ދަތުރުކުރި އެވެ.