ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ލިބޭ ދަރިވަރުންނަށް ޕީއެޗްޑީއާ ހަމައަށް ކިޔަވަން ރައީސްގެ ސްކޮލަޝިޕް ދެނީ
ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ލިބޭ ދަރިވަރުންނަށް ޕީއެޗްޑީއާ ހަމައަށް ކިޔަވަން ރައީސްގެ ސްކޮލަޝިޕް ދެނީ

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން މި އަހަރުން ފެށިގެން އެއް ވަނަ ހޯދާ ދަރިވަރުންނަށް، އެ މީހުން ބޭނުން ގައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ގޮތަށް ރައީސްގެ ހާއްސަ ސްކޮލަޝިޕެއް ދޭން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތަށް ހަދާނެ ކަމަށް މިދިޔަ އަހަރު އިއުލާން ކުރައްވާފައިވާނެ ކަމަށެވެ.

އެއާ އެއްގޮތަށް، ގައުމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއް ވަނަ ހޯދާ ފަރާތާއި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަދި ހާފިޒުންގެ ބައިން އެއް ވަނަ ހޯދާ ފަރާތަކަށް، އެ ދަރިވަރަކު ބޭނުން ދާއިރާއަކުން އަދި ބޭނުން ގައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ހާއްސަ ސްކޮލަޝިޕެއް ދޭން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ތިން ކެޓަގަރީން އެއް ވަނަ ހޯދާ ދަރިވަރުންނާއި މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ލިބޭ ފަރާތަކަށް ވެސް، ރައީސްގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުވެރި ފިލައެއް ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައް ވެސް ކުރިއަށް ވުރެ ގިނަވެފައި އަގުބޮޑުވާނެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތު ވެސް އިތުރަށް ފަހިވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ އަދި އެންމެ ބޮޑު އިނާމުތައް ދޭންޖެހޭނީ މާތްﷲ ގެ މަތިވެރި ކަލާމްފުޅު ކަމަށްވާ ކީރިތި ޤުރުއާން އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށެވެ.

މި މަހުގެ 18 އިން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ބޭއްވި ގުރުއާން ކިޔެވުމުގެ މި އަހަރުގެ ގައުމީ މުބާރާތުގައި 119 ތަނަކުން 1،037 މީހުން ބައިވެރި އެވެ. ނަމަވެސް އެ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.