އެކައުންޓް ސަސްޕެންޑްކުރި މައްސަލައިގައި ޔޫޓިއުބުން ޓްރަމްޕަށް ބަދަލުގައި 22 މިލިއަން ޑޮލަރު
އެކައުންޓް ސަސްޕެންޑްކުރި މައްސަލައިގައި ޔޫޓިއުބުން ޓްރަމްޕަށް ބަދަލުގައި 22 މިލިއަން ޑޮލަރު

އެމެރިކާގެ ރިޔާސީ އިންތިހާބުން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިވި ފަހަރު، ގާނޫނު ހަދާ މަޖިލީހަށް އޭނާގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު ޔޫޓިއުބުން ޓްރަމްޕުގެ އެކައުންޓް ސަސްޕެންޑްކުރި މައްސަލައިގައި އެ ކުންފުނިން ޓްރަމްޕަށް 22 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން އެއްބަސްވެއްޖެ އެވެ.

ޖެނުއަރީ 6، 2021 ގައި ކެޕިޓޮލް އަށް ވަދެގަނެ އެމެރިކާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެކް ކުންފުނިތަކުން ޓްރްމަޕުގެ ސޯޝަލް މީޑިއާ ކޮންޓެންޓަށް ބޮޑެތި ހުރަސްތައް ކުރިމަތިކުރި އެވެ. ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ ހިއްސާ އޮންނަ ޔޫޓިއުބްގެ އިތުރުން މިގޮތަށް ފިޔަވަޅު އެޅުމުން ޓްރަމްޕުގެ ދައުވާތަކާ ކުރިމަތިވެ މައްސަލަ ހައްލުކުރުމަށް އެހެން ބައެއް ކުންފުނިތަކުން ވެސް ވަނީ ބަދަލު ދީފަ އެވެ.

ކެލިފޯނިއާގެ ފެޑެރަލް ކޯޓަކަށް ހުށަހެޅި ސެޓްލްމަންޓް ނޯޓިސްގައި ބުނެފައި ވަނީ ޔޫޓިއުބުން ބަދަލުގައި ދޭ 22 މިލިއަން ޑޮލަރު ހަރަދު ކުރާނީ ވައިޓް ހައުސްގެ ސްޓޭޓް ބޯލްރޫމް އިމާރާތްކުރުމަށް އެހީ ހޯދުމުގެ ގޮތުން އުފައްދާފައިވާ ނެޝަނަލް މޯލް ޓްރަސްޓަށް ކަމަށެވެ.

ޓްރަމްޕްގެ ބޯލްރޫމް ޕްރޮޖެކްޓަށް 22 މިލިއަން ޑޮލަރު ދިނުމުގެ އިތުރުން ޔޫޓިއުބުން ވަނީ ޓްރަމްޕްގެ އެހެން ބައެއް ބައިވެރިންގެ އިވެންޓްތައް ބޭއްވުމަށް 2.5 މިލިއަން ޑޮލަރު ދޭން ވެސް އެއްބަސްވެފަ އެވެ.

މި ބަދަލު ދޭން ޔޫޓިއުބުން އެއްބަސްވުމުން ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި "މި ބޮޑު ކާމިޔާބީން" އަންގައިދެނީ "ބިގް ޓެކް" ކުންފުނިތަކުން ގެންގުޅޭ ސެންސަޝިޕްގެ ނަތީޖާއާ އެ ކުންފުނިތަކުން ކުރިމަތިލާންޖެހޭނެ ކަމެވެ.

އެމެރިކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑަން އަތުން ޓްރަމްޕު ބަލިވުމުން، އެކަން ބަލައިނުގަނެ ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފާނެ ކަމަށް ބަލައި ބޮޑެތި ޕްލެޓްފޯމްތަކުން ޓްރަމްޕު ސަސްޕެންޑްކުރި އެވެ.

ޖެނުއަރީ 12، 2021 ގައި ޔޫޓިއުބުން ވަނީ ޓްރަމްޕަށް އާ ވީޑިއޯތައް އަޕްލޯޑް ނުކުރެވޭ ގޮތް ހަދައިފަ އެވެ. މިގޮތަށް ނިންމީ ޖެނުއަރީ ހަވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފޭސްބުކާއި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުން ވެސް ޓްރަމްޕަށް މިފަދަ ފިޔަވަޅުތައް އަޅާފައި ވަނިކޮށެވެ. -- އޭއެފްޕީ