ލޮލަށް ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން ކުރެހުމުގެ މުބާރާތެއް!
ލޮލަށް ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން ކުރެހުމުގެ މުބާރާތެއް!

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ލޮލަށް ފެނުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންނަށް ހާއްސަކޮށް ކުރެހުމުގެ މުބާރާތެއް އައިކެއާ އިން އިއުލާނުކޮށްފި އެވެ.

އެ މުބާރާތަށް ކުރެހުން ހުށަހަޅަން ހުޅުވާލާފައިވަނީ ލޮލުގެ ފެނުމާއި ދުވަހުގެ ތީމާއި ގުޅޭ ދެ ދާއިރާއަކުންނެވެ. އެއީ ލޯ ދެކެ ލޯބިވުން މާނަ ކުރާ ގޮތާއި ލޮލުގެ ދުޅަހެޔޮކަމާއި މީހުންނާ އޮތް ގުޅުމެވެ. ލޯ ދެކެ ލޯބިވުން މާނަކޮށް އެ މުބާރާތަށް ކުރަހާ ކުރެހުންތަކަކީ ލޮލުގެ ޓެސްޓުތައް ގަވާއިދުން ބެލެހެއްޓުމުގެ މުހިންމު ކަމާއި ސެލްފްކެއާގެ ދަށުން ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވެންހުރި ކަންތައްތަކަށް ހިތްވަރުދޭ ކުރެހުންތަކަކަށް ވާންވާނެ އެވެ.

ލޮލުގެ ދުޅަހެޔޮކަމާއި މީހުންނާ އޮތް ގުޅުން ދައްކައިދޭ ކުރެހުންތަކަކީ އާއިލާތަކާއި މުޖުތަމައުން ލޮލުގެ ފެނުމުގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ދައްކައިދޭ ކުރެހުންތަކަކަށް ވާން ވާނެ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި 11 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ކުރެހުން ހުށަހެޅޭނެ އެވެ. ކުރެހުން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހެވެ. އެ މުބާރާތަށް އޭ4 ސައިޒުގެ ކަރުދާހުގައި ނުވަތަ ކެންވަހުގައި ކުރެހުން ހުށަހެޅޭނެ އެވެ. އަދި އަތުން ކުރަހާފައިވާ ކުރެހުންތަކާއި ޕެއިންޓް ކޮށްފައިވާ ކުރެހުންތައް ވެސް ހުށަހެޅޭނެ އެވެ

މާލެއިން މުބާރާތަށް ހުށަހަޅާ ކުރެހުންތައް ހުށަހަޅަން ޖެހޭނީ މާލޭގައި ހުންނަ އައިކެއާގެ މައި އިމާރާތަށެވެ. މި މުބާރާތަށް ރަށްރަށުން ކުރެހުންތައް ހުށަހެޅުމަށް ކުރެހުމުގެ ސާފު ފޮޓޮއެއް ނުވަތަ ސްކޭނެއް[email protected]އަށް މެއިލްކޮށްގެން ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއާގެ އައުޓްލެޓަކަށް ހުށައަޅައިގެން ބައިވެރިވެވޭނެ އެވެ.

މުބާރާތަށް ކުރެހުން ހުށަހަޅާއިރު، ކުއްޖާގެ ފުރިހަމަ ނަމާއި އުމުރާއި އުފަން ތާރީހުގެ އިތުރުން އައިޑީކާޑުގެ ކޮޕީއެއް ބޭނުން ވާނެ އެވެ. އަދި ސްކޫލްގެ ނަމާއި ގްރޭޑާއި ބެލެނިވެރިއާއަށް ގުޅޭނެ ފޯނު ނަމްބަރަކާއި އީމެއިލް އެޑްރެހުގެ އިތުރުން ކުރެހުމަށް ހިޔާރު ކުރި ތީމް ހިމަނަންވާނެ އެވެ.

އެ މުބާރާތުގެ ވަނަތަކަށް ދާ ކުރެހުންތައް ހޮވާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި މުބާރާތަށް ހުށަހަޅާ ހުރިހާ ކުރެހުންތައް އައިކެއާގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށް އާއްމުންގެ ވޯޓުގެ ގޮތުގައި ޕޯސްޓަށް ލައިކު ދޭން ހުޅުވާލާނެ އެވެ.

އޭގެ ތެރެއިން އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓުތައް އައިކެއާއިން ބައިނަލްއަގުވާމީ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން އާޓިފިޝަލް ބީޗުގައި ބާއްވާ ހަރަކާތުގައި ޑިސްޕްލޭކޮށް އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވޯޓުދޭން ހުޅުވާލާނެ އެވެ. އަދިި އެންމެ ގިނަ ވޯޓު ލިބޭ ތިން ކުރެހުން އެ ހަރަކާތުގައި އިއުލާނު ކުރާނެ އެވެ.

އެ މުބާރާތުގެ އެއް ވަނަ އިނާމަކަށް އަށް ހުށަހަޅާފައިވަނީ 5،000ރ. އެވެ. ދެވަނަ އަށް 3،000ރ. ހުށަހަޅާފައިވާއިރު ތިން ވަނައަށް ހުށަހަޅާފައިވަނީ 2،000ރ. އެވެ. އެ މުބާރާތުގެ ޝޯޓްލިސްޓުވާ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ލިބޭނެ އެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ ފެނުމުގެ ދުވަހުގެ ތީމަކީ "ލަވް ޔޯ އައިޒް - ޕުޓިން ޕީޕަލް އެޓް ދަ ހާޓް އޮފް އައި ހެލްތު" އެވެ. އައިކެއާއިން ކޮންމެ އަހަރުގެ ވެސް ލޮލުގެ ފެނުމުގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެ އެވެ.