30 ސެޕްޓެމްބަރ 2025 - 11:22

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހެވެ. ހުޅުމާލޭ 2 ގައި ފްލެޓްތައް އަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު އަންހެނަކަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން އަމާޒު ހިފާފައި ވަނީ އަންނަ ޑިސެމްބަރަށް އެތަނަށް އެންމެންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.
ހަމްދާން ވިދާޅުވި ގޮތުގައި އަމާން އުދަރެސްގެ ފްލެޓުތަކަށް ވަނުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކި 14 މީހަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށްފަ އެވެ.
އެހެން ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިމަހުގެ ހަތް ވަނަ ދުވަހެވެ. ފުރަތަމަ ހަފްތާގައި އެކަނި ވެސް 588 މީހަކު ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވެ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. މެއިންޓެނަންސް ފީއާ އެކު ދެ ކޮޓަރީގެ ފްލެޓްގެ އަގަކީ 8000ރ. އެވެ. އެތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ.
ތިން ކޮޓަރީގެ ފްލެޓް ދޫކުރަނީ މެއިންޓެނަންސް ފީއާ އެކު 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.
ސަރުކާރުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ސޮއިކޮށް ނިމިފަ އެވެ.
އެ މަޝްރޫއުގައި އިމާރާތް ކޮށްފައި ވަނީ 17-18 ބުރީގެ 32 ޓަވަރެވެ. ބައެއް ފްލެޓްތައް އެއްކޮށް ނިމިފައިވާ އިރު ދެން ހުރި ފްލެޓްތަކުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.