30 ސެޕްޓެމްބަރ 2025 - 10:53

ގަތަރަށް ދިން ހަމަލާގެ މައްސަލައިގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި އިނދެ ގަތަރުގެ ބޮޑުވަޒީރަށް ގުޅައި މާފަށް އެދިއްޖެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނީ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ތާނީއަށް ނަތަންޔާހޫ ގުޅައި، މި މަހުގެ ނުވަ ވަނަ ދުވަހު ދިން ހަމާލެ މައްސަލައިގައި މާފަށް އެދި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އުޅުއްވާ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ވައިގެ މަގުން އިޒްރޭލުން ދިން ހަމަލާތަކުގައި ގަތަރުގެ ސަލާމަތީ ބާރުތަކުގެ މެންބަރަކު މަރުވެފައި ވާތީ އެކަމަށް ވަކި ހާއްސަކޮށް މާފަށް އެދި ނަތަންޔާހޫ ވާހަކަ ދެއްކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރަން ވައިޓް ހައުސްގައި އިނދެ ކަމަށް ބަޔާނުގައިވެ އެވެ.
"ރަހީނުން ސަލާމަތްކުރުމަށް މަޝްވަރާ ކުރިއަށް ދަނިކޮށް، ގަތަރުގެ އިސްތިގުލާލަށް އަރައިގަނެ ހަމާސްގެ ލީޑަރުންނަށް ދިން ހަމަލާއާ މެދު ހިތާމަކުރާ ކަމަށާއި އެފަދަ ހަމަލާއެއް ކުރިއަށް އޮތް ތަނުގައި ނުދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައި،" ނަތަންޔާހޫގެ ފޯން ކޯލާ ބެހޭ ގޮތުން ވައިޓް ހައުސް އިން ބުންޏެވެ.
ވައިޓް ހައުސް އިން ބުނީ ނަތަންޔާހޫ އާއި ގަތަރުގެ ބޮޑުވަޒީރު ވަނީ މައްސަލަތައް ހައްލުކުރުމުގައި އެއްބަޔަކު އަނެއް ބަޔަކު މުއާސަލާތުކުރުމަށާއި އެކަމުގެ އިންތިޒާމުތައް މިހާރަށްވުރެ ރަނގަޅަށް ހަމަޖެއްސުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށެވެ.
ނަތަންޔާހޫ ގަތަރުގެ ކިބައިން މާފަށް އެދިފައި މި ވަނީ މީގެ ކުރިން އެ ހަމަލާތައް ދިފާއުކޮށް ހަރުކަށިކަމާ އެކު ވާހަކަ ދައްކަމުން ދިއުމަށް ފަހުގަ އެވެ. ހަމާސްއަށް ގަތަރުން ހިމާޔަތްދީ ޓެރަރިޒަމަށް އެހީވާ ކަމަށާއި ގަތަރުން ފިޔަވަޅު ނާޅާ ނަމަ އިޒްރޭލުން އިސްވެ ފިޔަވަޅު އަޅައި ހަމާސްގެ ވެރިން ނައްތާލާނެ ކަމުގެ އިންޒާރު ވެސް އޭނާ ކުރިން ދީފައިވެ އެވެ. -- އޭއެފްޕީ