30 ސެޕްޓެމްބަރ 2025 - 10:34

ވ. ރަކީދޫގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ބަދަލުވުމާ މެދު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަތައް ދެއްކެވިފައި ވިޔަސް ކައުންސިލްގެ ބައްދަލުވުމަކަށް ހުށަހަޅައި، އެ ކަމަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށް ކައުންސިލުން ރައީސަށް ދަންނަވައިފި އެވެ.

ރައީސް މުއިއްޒު މި މަހުގެ 20 ގައި ރަކީދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ މީހުންނާ ބައްދަލުކުރެއްވުމުގައި ވާހަކަ ދެއްކި ގިނަ މީހުން އެދުނީ މާލެއާ ކައިރި ރަށަކަށް ބަދަލުކޮށްދިނުމަށެވެ.
ގެސްޓް ހައުސް ހިންގައިގެން ބޮޑު އާމްދަނީއެއް ވައްދާ ރަކީދޫގައި ދިރިއުޅޭ 61 މީހުންގެ ތެރެއިން 41 މީހަކު ބޭނުންވަނީ ތުލުސްދު އަށް ބަދަލުކޮށްދޭށެވެ. އެންމެ މީހެއް ފިޔަވައި ބާކީ އެންމެން ބޭނުންވަނީ މާލެ ކައިރިން ތަނެެއް ހިއްކައިގެން އެ ތަނަކަށް ބަދަލުވާން ކަމަށް ރައީސާ އެކު ބޭއްވި ބައްދަލުވުމަށް ދިޔަ މީހުން ބުންޏެވެ. ރަކީދޫން ބަދަލުވާން ބޭނުން ނުވަނީ އެންމެ މީހެކެވެ.
ރައީސް މުއިއްޒާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ރަކީދޫ ކައުންސިލްގެ ހިޔާލު ތަފާތުވެފައިވާއިރު، އެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސޮއި ކުރައްވައި ރައީސަށް މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ރަށުން މީހުން ބަދަލުކުރުމާ ގުޅޭ ގޮތުން ކައުންސިލްގައި ރަސްމީކޮށް އެއްވެސް އިރެއްގައި މަޝްވަރާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއީ މުޅި ރަކީދޫގެ ޖުމުލަ އާބާދީއާ ގުޅިފައިވާ ކަމެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"މިގޮތުން، މަނިކުފާނު ރަކީދޫ އަށް ވަޑައިގެންނެވި ދަތުރުފުޅުގައި ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން އެފަދަ މޭރުމަކުން ވާހަކަ ދައްކާފައި ވަނީ އެއީ އެބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅެއް ކަމުގައި މި ކައުންސިލުން ދެކެމެވެ،" ރައީސް މުއިއްޒަށް ކައުންސިލުން ފޮނުވި ސިޓީގައި ވެ އެވެ.
ރައްޔިތުންގެ ވާހަކަތައް އައްސަވައި ރައީސް އެ ދުވަހު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ތެރެއިން 80 ޕަސެންޓް މީހުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ މަޝްވަރާއާ އެކު އެކަން ނިންމަވައި ދެއްވާނެ ކަމަށެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި މީހަކު ބުނީ، ކޮންމެ ރައީސަކު ވެސް އިންތިހާބެއް ކައިރުވުމުން ވަޑައިގެން ރަކީދޫން މިޙުން ބަދަލުކޮށްދޭނެ ކަމަށް ވިދާޅުވެ، ހުވަފެން ދައްކާ ކަމަށެވެ. އެގޮތަށް ރައީސް މުއިއްޒު ނުހައްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ މީހާ ބުންޏެވެ.
ރަކީދުއަކީ ގެސްޓް ހައުސްތައް ހަދަމުން އަންނަ ރަށަކަށް ވާތީ، އެ ވިޔަފާރިތައް ވެސް ހިންގޭ ގޮތަށް މީހުން ބަދަލުކުރަން އިސްކަންދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށާއި އެ ކަމަކު އެ ކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.
ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކިނބިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް މީހުން ބަދަލުވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެ ކަމަކީ ރައްޔިތުން އަމިއްލަ އަށް ވިލިންގްލީ، ބޭނުންވެގެން އަޅުގަނޑުމެން ކުރާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.