"ފާހިޝް އަމަލުތައް ހުއްޓުވަން" އަފްޣާނިސްތާނުން މުއާސަލާތީ ހިދުމަތް ކަނޑާލައިފި
"ފާހިޝް އަމަލުތައް ހުއްޓުވަން" އަފްޣާނިސްތާނުން މުއާސަލާތީ ހިދުމަތް ކަނޑާލައިފި

ފާހިޝް އަމަލުތައް ހުއްޓުވުމުގެ ނަމުގައި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން މުޅި ގައުމުން މުއާސަލާތީ ހިދުމަތް ކަނޑާލައިފި އެވެ.

މުއާސަލާތީ ހިދުމަތް ކަނޑާލަން ނިންމައި އެކަން ތަންފީޒުކުރަން ފަށާފައި ވާއިރު އިންޓަނެޓްގެ ކަނެކްޓިވިޓީ މިހާރު އަފްޣާނިސްތާނުގައި ލިބެނީ ކުރިން ހުރި އާންމު މިންގަނޑާ އަޅާބަލާއިރު އެއް ޕަސެންޓަށްވުރެ ވެސް ދަށްކޮށް ކަމަށް އިންޓަނެޓް ވޮޗްޑޯގް ނެޓްބްލޮކްސް އިން ބުންޏެވެ.

މި ފިޔަވަޅު އެޅުމުގެ އިރުކޮޅެއް ކުރިން ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މުއާސަލާތީ ހުރިހާ ހިދުމަތް "ވަކި ގޮތަކަށް އަންގަންދެން މެދުކަނޑާލަން" ވަނީ ނިންމައިފަ އެވެ.

"ކަނޑާލާނެ، މިރެއިން ފެށިގެން މަޑުމަޑުން މި ނިންމުން ތަންފީޒުކުރަމުން ގެންގޮސް އެކަން ފުރިހަމަކުރާނެ،" ނަން ސިއްރުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"މުއާސަލާތުކުރާނެ އެހެން ވަސީލަތެއް ނުވަތަ ސިސްޓަމެއް ނެތް ... ބޭންކިން ސެކްޓަރާއި ކަސްޓަމްސް އާއި ހުރިހާ ތަނެއް ހިމެނޭ ގޮތުން މުޅި ގައުމަށް މިކަން ހިނގާނެ."

ވެރިރަށް ކާބުލްގައި ހުންނަ އޭއެފްޕީގެ ބިއުރޯއާ ވެސް އިއްޔެ ހަވީރު 5:45 (ޖީއެމްޓީން މެންދުރު ފަހު 1:15) އިން ފެށިގެން ވަނީ ގުޅުން ކެނޑިފަ އެވެ.

މި މަހު ކުރީކޮޅު އަފްޣާނިސްތާނު ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުން ހައި ސްޕީޑް އިންޓަނެޓް ކަނޑާލައިފަ އެވެ. ޓެލެފޯންގެ ހިދުމަތް އެ ގައުމުގައި އާންމުކޮށް ދެނީ އިންޓަނެޓް ހިދުމަތް ވެސް ދޭން ބޭނުންކުރާ ކޭބަލްތައް މެދުވެރިކޮށްގެން ކަމަށް ވާތީ ފޯނުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

ނެޓްބްލޮކްސް އިން ބުނީ އިންޓަނެޓް ހިދުމަތް ކަނޑާލުމަށް ފަހު ފޯނުތަކަށް ވަކިން ހިދުމަތް ދިނުމަށް ވަގުތު ނަގާނެ ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު ބަލްޚް ޕްރޮވިންސްގެ ތަރުޖަމާން އަތައުﷲ ޒައިދު ވިދާޅުވި ގޮތުގައި ތާލިބާނުންގެ ލީޑަރުގެ އަމުރާ ގުޅިގެން އުތުރު ޕްރޮވިންސްގައި ފައިބަ އޮޕްޓިކް އިންޓަނެޓް މިހާރު ވަނީ އެއްކޮށް މަނާކޮށްފަ އެވެ.

"މިއީ ފާހިޝް އަމަލުތައް ހުއްޓުވަން އެޅި ފިޔަވަޅެއް. ހިދުމަތް ދިނުމަށް އެހެން ގޮތެއް ހޯދައި މުޅި ގައުމަށް އަލުން ހިދުމަތް ލިބޭ ގޮތް ހަދާނެ،" އޭނާ ވިދާޅުވި އެވެ.

އަފްޣާނިސްތާނުގައި ކުރިން އޮތް، އެމެރިކާގެ ތާއީދުގައި ހިންގި ސަރުކާރުން 2024 ވަނަ އަހަރު ކާބުލްގައި ވަނީ 9،350 ކިލޯމީޓަރުގެ ފައިބަ އޮޕްޓިކް ނެޓްވޯކް އަޅައި ހިދުމަތް ދީފަ އެވެ. އެކަމަކު ތާލިބާނުން އަލަށް ވެރިކަމަށް އައުމަށް ފަހު ވަނީ އެތައް ކަމެއް ބަދަލުކޮށްފަ އެވެ. -- އޭއެފްޕީ