ފުޓްބޯޅަ ނުކުޅެ ދޮޅު އަހަރު ފާއިތުވި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން: ނިސްތާރު
ފުޓްބޯޅަ ނުކުޅެ ދޮޅު އަހަރު ފާއިތުވި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން: ނިސްތާރު

ރާއްޖޭގައި އެންމެ މަތީ ޑިވިޝަނުގައި ރަސްމީ ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް ނެތި ދޮޅު އަހަރު ހޭދަވި ވާހަކަ ދައްކަން ބޭނުން ނުވާކަމަށް، ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

މި މަހު ފެށި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުރިން، ގްރީން ސްޓްރީޓްސްއިން ލީގުގެ މެޗެއް އެންމެ ފަހުން ކުޅުނީ 2023 ގެ އޯގަސްޓް 28 ގައި އީގަލްސްއާ ދެކޮޅަށެވެ.

އެއަށް ފަހު ގާތްގަނޑަކަށް 80 ދުވަހަށް ލީގު މެދުކަނޑާލައި އެ ސީޒަނުގެ ލީގުގެ ބާކީބައި ފެށި އިރު ގްރީން ނިންމީ ލީގުގެ ބާކީބައި ނުކުޅޭށެވެ. އެ ސީޒަނުގައި އެއްވެސް ޓީމެއް ރެލިގޭޓް ނުވާ ގޮތަށް އެފްއޭއެމުން ނިންމުމުން، އޭރު ފީފާގެ ޓްރާންސްފާގެ އަދަބުގައި އޮތް ކްލަބަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ދެމެހެއްޓުނެވެ.

މިފަހަރުގެ ލީގުގެ ދެ ހަފުތާގެ ކުޅުން، ނިމުނު ފަހުން އެފްއޭއެމުން ވަނީ ޕްރީ މެޗު ޕްރެސް ކޮންފަރެންސް ބާއްވަން ފަށައިފަ އެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނިސްތާރު ބުނީ ރާއްޖޭގެ ފުޓްބޯޅަ، މެދުކެނޑި ގާތްގަނޑަކަށް ދެ އަހަރު ފާއިތުވެގެން ދިއުމަކީ އެއްވެސް މީހަކު ބޭނުންވި ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ވާހަކައިގައި ހިފައިގެން އުޅުމަކީ އަޅުގަނޑުމެންނަށް، ގްރީން ސްޓްރީޓްސް އަށް ލިބޭނެ ޑިސް އެޑްވާންޓޭޖެއް. (ދެ އަހަރުގެ) މި ބްރޭކް މިއީ އެއްވެސް މީހަކު ބޭނުންވެގެން އައި ބްރޭކެއް ނޫން،" ގްރީންގައި އޭނާގެ ހަތްވަނަ އަހަރު ގަނަމުންދާ ކޯޗު ބުންޏެވެ.

"އެއަށް ވުރެ ބޮޑަށް އަޅުގަނޑު ދައްކަން ބޭނުމީ ކުރިއަށް އޮތްތަނުގައި ރަނގަޅު ވާނެ ވާހަކަ. އެ އުއްމީދު އެބަ ފެނޭ. އެހެންވީމަ އެއަށް ކަންނޭނގެ އަޅުގަނޑުމެން ފޯކަސް ކުރަންވީ."

ދެ އަހަރު ލިބުނު އިރު ވެސް ގިނަ ކްލަބްތަކަކަށް ސީޒަނަށް ރަނގަޅަށް ތައްޔާރު ނުވެވޭކަން ކޯޗުން ފާހަގަ ކުރި އެވެ. އެކަމަކު އެކަން ބަހަނާ އަކަށް ދައްކަން ބޭނުންނުވާ ކަމަށް، ނިސްތާރު ބުންޏެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ދައްކަން ބޭނުންވާ ވާހަކައެއް ނޫން ޓައިމް ނުލިބުނޭ ޕްރިޕަރޭޝަނަށް. އަޅުގަނޑަށް ހީވަނީ ހަމަ ހުރިހާ ޓީމަކަށް ވެސް އޭތި [އެ މައްސަލަ] އައި [ކުރިމަތިވި] ކަން ނޭނގެ. އެ ވާހަކަ މުހިންމެއް ނޫން،" ނިސްތާރު ބުންޏެވެ.

ގްރީން އަށް އަދި ޕޮއިންޓެއް ވެސް ނުލިބެ އެވެ. އެހެންވެ އެ ޕްރެޝަރު އޭނާ އަށް އޮތްކަމަށް ނިސްތާރު އެއްބަސްވި އެވެ. ޓީމުގެ ކުޅުން ރަނގަޅުކޮށް ލީގު ނިމިގެންދާއިރު ގަދަ ހައެއްގައި ހިފެހެއްޓުމަކީ ގްރީންގެ ޓާގެޓް ކަމަށް އޭނާ ބުންޏެވެ.

ގްރީންގައި އޮތީ އާދައިގެ ސްކޮޑެކެވެ. އެކަމަކު އެކަން ނިސްތާރު ގަބޫލެއް ނުކުރެ އެވެ. އޭނާ ބުނީ އެ ސުވާލުގެ ޖަވާބު ލީގު ނިމުމުގެ ކުރިން ދޭނެ ކަމަށެވެ.

ލީގުގައި ގްރީން އަށް ކުރިއަށް އޮތީ އީގަލްސް މެޗެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ ގަ އެވެ.