އެހެން ކޯޗަކު ހޯދާކަށް ޔުނައިޓެޑަކުން ނޫޅޭ
އެހެން ކޯޗަކު ހޯދާކަށް ޔުނައިޓެޑަކުން ނޫޅޭ

ރުބެން އަމޮރިމަށް ޕްރެޝަރު އޮތަސް، އެހެން ކޯޗަކު ހޯދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ނުކުރާކަން ހާމަވެއްޖެ އެވެ.

ދަށް ނަތީޖާތަކެއް ނެރެމުންދާތީ، ކޯޗު ބަދަލު ކުރުމުގެ ވިސްނުން، ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފް ގެންގުޅޭ ކަމަށް އިންގިރޭސި މީޑިއާތަކުން އަޑު ފަތުރަ އެވެ. އަދި އެ ވިސްނުމުގައި އިންގްލެންޑްގެ ކުރީގެ ގައުމީ ކޯޗު ގެރެތު ސައުތުގޭޓާ އެކު ރެޓްކްލިފް، ވާހަކަ ދެއްކި ކަމުގެ އަޑުތައް ވެސް ފެތުރި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކުރުމަށް ފަހު، ސައުތުގޭޓާ އެކު ޔުނައިޓެޑުން ވާހަކަ ދެއްކި ކަމުގެ އަޑުތައް ވެސް އޭރު ފެތުރުނުނެވެ. މިދިޔަ އަހަރުގެ ޔޫރޯގެ ނާކާމިޔާބަށް ފަހު ސައުތުގޭޓް އިނގިރޭސި ޓީމު ދޫކޮށްލި ގޮތަށް އަދި އެއްވެސް ޓީމަކާ ހަވާލެއް ނުވެ އެވެ. އެކަމަކު ރެޓްކްލިފް ނިނމީ އޭރު ސްޕޯޓިން ލިޒްބަންގެ މަގާމުގައި ހުރި އަމޮރިމް ގެނައުމަށެވެ.

ޔުނައިޓެޑްގެ އެތެރޭގެ މަސްދަރާ، ހަވާލާދީ އީއެސްޕީއެންއިން ބުނީ އެފަދަ އެއްވެސް މުއާމަލާތެއް ޔުނައިޓެޑުން ކޮށްފައި ނުވާ ކަމަށެވެ. ރެޓްކްލިފްގެ ވިސްނުން ހުރީ އަމޮރިމާ އެކު ކުރިއަށް ދިއުމަށް ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ސަންޑަލޭންޑާ ދެކޮޅަށް ޓީމު ތައްޔާރު ކުރުމުގެ މަސައްކަތް މިއަދު ވެސް އަމޮރިމް ފަށާނެ އެވެ. ބްރެންޓްފޯޑް އަޔުން ކުރިމަތިވީ ބައްޔާ އެކު ކުރިމަތިވި ޕްރެޝަރުގައި އަމޮރިމް ވަނީ ޕްރެކްޓިސް އެއްދުވަހަށް މެދުކަނޑާލައި އިއްޔެ ކުޅުންތެރިންނަށް އޮފް ދުވަހެއް ދީފަ އެވެ.