30 ސެޕްޓެމްބަރ 2025 - 06:48

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު 20 ކަމެއް ހިމަނުއްވާފައިވާ ހުށަހެޅުން ހާމަކުރައްވައި، ހަމަލާތައް ހުއްޓުމަކަށް އައުން މިހާރު އޮތީ ވަރަށް ގާތުގައި ކަމަށް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓްރަމްޕު ވަނީ މިއީ "ސުލްހަޔަށް ތާރީހީ ދުވަހެއް" ކަމަށް ވިދާޅުވެފަ އެވެ.
ނަތަންޔާހޫ މި ޕްރެސް ކޮންފަރެންސްގައި ވަނީ ޓްރަމްޕަށް ޝުކުރުއަދާކޮށް "ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެންނަން އަޅުގަނޑު ތިޔަ ހުށަހެޅުމަށް ތާއީދުކުރަން" ކަމަށް ބުނެފަ އެވެ. އަދި މިއީ އިޒްރޭލު ބޭނުންވާ ކަންކަން ހާސިލްވާ ހުށަހެޅުމެއް ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕު ވިދާޅުވީ މި ހުށަހެޅުން ތަންފީޒުކޮށް ހަނގުރާމަ ނިމުމަކަށް ގެންނަން ހަމާސް އިން ވެސް ބޭނުންވާ ކަމުގެ އަޑު އިވިފައިވާ ކަމަށެވެ. އެކަމަކު ހަމާސްގެ އޮފިޝަލެއް ކަމަށްވާ މަހްމޫދު މަރްދާވީ ވިދާޅުވީ މި ހުށަހެޅުން އަދި ލިޔުމުން އެ ޖަމާއަތަށް ލިބިފައި ނުވާ ކަމަށެވެ.
ނަތަންޔާހޫގެ ވަނަން ކަމަށްވާ ބީބީގެ ނަމުން މުހާތަބު ކުރަމުން ޓްރަމްޕު ވިދާޅުވީ ހަމާސް ފިޔަވައި އެހެން ހުރިހާ ފަރާތަކުން މި ހުށަހެޅުމަށް މިހާރު ތާއީދުކޮށްފައިވާ ކަމަށެވެ. އަދި ހަމާސް އިން މިކަން ގަބޫލު ނުކޮށްފި ނަމަ އިޒްރޭލުން ބޭނުންވާ ކަންކަން ހާސިލްކުރަން ކުރާ ކަންކަމުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ވިދާޅުވެ ނުސީދާކޮށް އިންޒާރު ދެއްވި އެވެ.
ޓްރަމްޕު ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ނަތަންޔާހޫ ވަރަށް ސާފުކޮށް ދެކޮޅު ހަދާކަން ފާހަގަކުރައްވައި އޭނާގެ އެ ވިސްނުމަށް އިހުތިރާމްކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއީ ކީއްވެކަން ގަބޫލުކުރެއްވޭ ކަމަށެވެ.
ޓްރަމްޕު ވަނީ އެމެރިކާގެ އެކުވެރި ބައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައި ވާތީ އެއީ "މޮޔަކަމެއް" ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ހުށަހެޅުން ގަބޫލުކުރާ ކަމަށް އިޒްރޭލުން އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުން މީގައި ހިމަނާފައިވެ އެވެ. އަދި ދެ ފަރާތުން ހުށަހެޅުމަށް އެއްބަސްވާ ނަމަ ހަމަލާތައް ވަގުތުން ހުއްޓާލުން ވެސް ހިމެނެ އެވެ.
ވައިޓް ހައުސް އިން ބުނީ އިޒްރޭލުން ޣައްޒާ ނުހިފާނެ ކަމަށާއި އެއްވެސް މީހަކު އެ ތަނުން ފައިބަން ވެސް މަޖުބޫރު ނުކުރާނެ ކަމަށެވެ.
ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހި އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް ވަގުތު ދިނުމާ އެކު އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު ވެސް އިޒްރޭލުން މިނިވަންކުރަން ހިމަނާފައިވެ އެވެ. މީގެ އިތުރުން ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު ވެސް މިނިވަންކުރާނެ އެވެ.
މި ހުށަހެޅުމުގައި އެންމެ މުހިންމު އަދި އެމެރިކާގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްފައި އޮތީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ މެދުގަ އެވެ. ހުށަހެޅުމުގައި ވަނީ އޭގައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކުރެވުމާ އެކު ފަލަސްތީން އޮތޯރިޓީ އިސްލާހުކޮށް ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމަށް މަޝްވަރާތައް ފަށާނެ ކަމަށާއި އަދި އެމެރިކާއިން ވެސް މި މަޝްވަރާގެ ނިންމުން ބަލައިގަންނާނެ ކަމަށެވެ.
ހުށަހެޅުމުގައިވާ ކަންކަން ތަންފީޒުކުރަން ހަމާސް އިން ދެކޮޅުހަދައިފި ނަމަ ނުވަތަ އެއްބަސްވުމަށް ފަހު އެ ކަންކަން ލަސްކުރާ ނަމަ އިޒްރޭލުގެ ސިފައިންގެ އޮޕަރޭޝަންތައް އަލުން ފެށުން ފަދަ ނުރައްކާ ޕޮއިންޓްތަކެެއް ވެސް ހުށަހެޅުމުގައިވެ އެވެ.
ޣައްޒާގެ އާންމުންނަށް ހަނގުރާމައިގެ ސަބަބުން ވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ އަލުން ބިނާކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
މި ހުށަހެޅުން ތަންފީޒުކުރުމުގައި ގަތަރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
މި ކަންކަމަށް އިސްލާމީ އަދި އަރަބި ބައެއް ގައުމުތަކާއި ޔޫރަޕުން ވެސް ތާއީދުކުރަމުން އަންނައިރު އަދި ހަމާސް އިން ސާފުކޮށް މި ކަމުގައި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ޣައްޒާގެ އާންމުން ދަނީ މިއީ ހީލަތެއް ކަމަށް ބުނަމުންނެވެ.