01 އޮކްޓޯބަރ 2025 - 06:27

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ޕޯޗުގަލްގެ ރިކާޑީނިއޯއާ އެކު، ކްލަބް އެޗްޑީސީ ވަނީ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ.

މާލެ ސަރަހައްދަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ތުނިކޮށް ނަމަވެސް ކުރި ވިއްސާރައިގެ ތެރޭގައި ރިކާޑީނިއޯގެ ކުޅުން ބަލަން، ހުޅުމާލޭގެ އިތުރުން މާލޭގައި ދިރިއުޅޭ މީހުން ވެސް ރެހެންދި ޓާފް ދަނޑު ސަރަހައްދަށް ދިވެހިން އެއްވެ އޮތީ ދިވެހި ފުޓްސަލް އަށް ހާއްސަ ރެއަކަށް ވާތީ އެވެ.

ފުޓްސަލް ޕްލެނެޓުން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ފަހަރު ހޯދާފައިވާ ރިކާޑީނިއޯ، 40، އަކީ ޕޯޗުގަލްއާ އެކު 2018 ގެ ޔޫރޯ އާއި 2021 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރި ކުޅުންތެރިއެކެވެ. އަދި 2021 ގައި ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

މިހާރު ޕްރޮފެޝަނަލް ފުޓްސަލް ކުޅުން ހުއްޓާލާފައިވާ ރިކާޑީނިއޯ އަކީ ޔޫއެފާ ޔޫރޯގެ އިތުރުން ޔޫއެފާ އިން ބާއްވާ ކްލަބް މުބާރާތްތަކެއްގެ ވެސް އޯލް-ޓައިމް ޓޮޕް ސްކޯރާ އެވެ.

"ތެމިލައިގެން ވެސް ރިކާޑީނިއޯ ބަލަން." ރާއްޖޭގެ ކުޅިވަރަށް ހާއްސަ މީޑީއާއެއް ކަމަށްވާ ސިޑިބަރީގެ އެއް ކޯ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓާ އައްފާން އަހުމަދު (އައްޕި) އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައި ވެ އެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް އެޗްޑީސީ 2-1 އިން މޮޅުވި މެޗުން ރިކާޑީނިއޯގެ ގޯލެއް ނުފެނުނު ނަމަވެސް އޭނާގެ ޖާދޫ ދަނޑުމަތިން ފެނުނެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގައި ބުރު ސްޕޯޓްސް ކްލަބަށް ފުޓްބޯލަ ވެސް ކުޅެމުން އަންނަ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އެޗްޑީސީގެ ފުރަތަމަ ލަނޑު މެޗުގެ ފަސް މިނިޓު ތެރޭގައި ޖަހައިދިނީ ރިކާޑީނިއޯ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ރިކާޑީނިއޯ ވެސް އެޗްޑީސީގެ ފަހަތުގައި ހުއްޓައި ސްޓެލްކޯ ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ލަނޑު ޖަހައިދިނީ ގައުމީ ޓީމާއި ނިއުރޭޑިއަންޓްގެ ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. ރިކާޑީނިއޯއާ ދެކޮޅަށް ކުޅެ ގޯލެއް ޖެހުމަކީ ވެސް އަހުއްކޮއަށް ލިބުނު އުފަލެކެވެ. ނަމަވެސް އެންމެ ފަހު މިނިޓުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ދިން ބޯޅައަކުން މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހުސެއިން ޝަރީފް (އޮންލީ) ވަނީ ލަނޑެއް ޖަހައި އެޗްޑީސީ މޮޅު ކޮށްދީފަ އެވެ.
"އަސްލު ވެސް، ކާކު ހީކުރާނީ ދުނިޔޭގެ ކިންގެއް ރާއްޖޭގައި ކުޅެލަން އައިސް ދާނެ ކަމަށް؟ މިއީ ހަގީގަތުގައި ބޮޑު ހިތްހަމަޖެހުމެއް. އަދި އޭނާއާ ދެކޮޅަށް ކުޅެ ގޯލެއް ޖެހުނީމަ ވެސް ވަރަށް އުފާވޭ، ގޯލެއް ޖަހަން ވަރަށް އުންމީދު ކޮށްގެން ކުޅެން އެރީ ވެސް. އެކަމަކު ދެރައީ ޓީމު މޮޅު ނުވީމަ،" އަހުއްކޮ ބުންޏެވެ.
އެޗްޑީސީގެ ކޯޗަކީ ކުރީގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ މުހައްމަދު ލިޔާހެވެ. ދާދި ފަހުން އޭއެފްސީ ފުޓްސަލް ލެވެލް 2 ކޯޗިން ފުރިހަމަ ކުރި ލިޔާހު ބުނީ، ރިކާޑީނިއޯއަށް ކޯޗު ކޮށްދޭން ލިބުމަކީ އޭނާއަށް ވެސް ލިބުނު ބޮޑު އުފަލެއް ކަމަށާއި އޭނާގެ ފަރާތުން ވެސް ގިނަ ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބޭކަމަށެވެ.
"އޭނާގެ ފަރާތުން އަހަރެންނަށް ބައިވަރު ކަންކަން އެބަ ދަސްވޭ. އަދި އެންމެ އުފާވަނީ އޭނާގެ ފަރާތުން ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ވެސް ބައިވަރު ކަނަކަން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާތީ،" ކުޅުންތެރިއެއްގެ ގޮތުގައި 2017 އަދި 2018 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސްގައި އެންމެ ގިނަ ގޯލު ޖަހައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު ޗެމްޕިއަންކަން ހޯދި ލިޔާހު ބުންޏެވެ.
ރިކާޑީނިއޯ އަށް 40 އަހަރު ފުރުނީ އެޗްޑީސީއާ އެކު، މުބާރާތަށް ތައްޔާރުވަމުން ދަނިކޮށެވެ. އެ ޓީމުގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓޭ) ވެސް ވަނީ ރިކާޑީނިއޯގެ ފަރާތުން ފެންނަ މަސައްކަތުގެ ރޭޓަކީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ލިބޭ ބޮޑު ހިތްވަރެއްކަން ފާހަގަ ކޮށްފަ އެވެ.
"ރިކާޑީނިއޯގެ މެންޓަލިޓީ އަހަރެމެން އެންމެންނަށް ވެސް ބޮޑު ހިތްވަރަކަށް ވެފައި އޮންނަނީ. އޭނާ އެ އުމުރުގައި ވެސް ގިވްއަޕް ނުކޮށް ކުރާ މަސައްކަތް ފެނިފައި، އަހަރެމެންނަށް އޭނާއާ އެއް ޓީމެއްގައި ކުޅޭ އިރު ކިތަންމެ ވަރުބަލި ވިޔަސް ނޫނީ ދަނޑުމަތީ މާޔޫސްވާ ވަރު ކަމެއް ދިމާވިޔަސް މަޑުމަޑުން ނުތިބެވޭނެ،" ތަޖުރިބާކާރު ފުޓްސަލް ކުޅުންތެރިޔާ ޔާންޓޭ ބުންނެވެ.
ޔާންޓޭ ބުނީ، މަޝްހޫރު ކުޅުންތެރިންގެ ވީޑިއޯތައް ޔޫޓިއުބާއި އެހެން ތަންތަނުން ބަލައިގެން އެ މީހުންގެ ހުނަރުތައް ނަގައިގަތުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އެކަމަކު އެ މީހުން ދަނޑުމަތީގައި ގެންގުޅޭ ވިސްނުން އެއީ އެންމެ އުނދަގޫ ކަންތައް ކަމަށް އޭނާ ބުންޏެވެ.
"އޭނާއާ އެކުގައި މަސައްކަތް ކޮށްލަން ލިބި އަހަރެމެން އެންމެންގެ މެންޓަލިޓީ ވެސް އެގޮތަށް ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތަކީ އެއީ ހުރިހާ ކުޅުންތެރިންގެ ކުރިއެރުމަށް ވެސް ވަރަށް މުހިއްމު ފެކްޓާ އެއް،" ޔާންޓޭ ބުންޏެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އޮންލީ ވެސް ވަނީ ރިކާޑީނިއޯގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް އިތުރަށް ކުރިއެރުން ހޯދަން އެހީއަކަށް ވާކަމަށެވެ.
"މިއީ އިތުރަށް ކުޅުން ވެސް ރަނގަޅު ކުރަން ލިބުނު ފުރުސަތެއް. ޓީމެއް ގޮތުގަ ކުޅެން ކުރިއަށް ވުރެ ބޮޑަށް އެބަ ދަސްވޭ، ބޮޑަށް ޓީމެއް ގޮތުގަ މޫވް ކޮށްގެން،" އޮންލީ ބުންޏެވެ.
"ރިކާޑީނިއޯއާ އެއްކޮށް ކުޅެން ހީވެސް ނުކުރާހާ ފަސޭހަ، ވަރަށް ބޮޑަށް ދަނޑުމަތީގައި ވެސް ކިޔައިދޭ."