"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަނެއް ގެނެސްދެނީ
"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަނެއް ގެނެސްދެނީ

އަރްޔަން ޚާން ޑައިރެކްޓުކުރި ފުރަތަމަ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމްފެއާގެ ރިޕޯޓެއްގައި ބުނީ އެ ސީރީޒްގެ ދެވަނަ ސީޒަން ގެނެސްދޭން ނިންމައި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް، އެ ސީރީޒްގެ ޓީމުންނާއި އެ ސީރީޒް ގެނެސްދިން ނެޓްފްލިކްސް އިން މިހާތަނަށް އެކަން ކަށަވަރުކޮށްދީފައި ނުވެ އެވެ.

މި މަހު 18 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށި "ދަ ބޭޑްސް އޮފް ބޮލީވުޑް"އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ކްރިޓިކުންނާއި ބެލުންތެރިންގެ ތައުރީފު ވެސް އެ ސީރީޒަށް ލިބިފައިވެ އެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ ހާއްސަ ފެނިލުންތައް ހިމެނޭ ގޮތަށް ގެނެސްދިން އެ ސީރީޒަކީ ބޮލީވުޑްގެ ތަރިއަކަށް ވުމަށް މަސައްކަތްކުރާ މީހަކަށް ދިމާވާ ތަފާތު ކަންތައްތަކެއް ދެއްކި ސީރީޒެކެވެ.

އެ ސީރީޒް ބިނާކޮށްފައި ވަނީ ބޮލީވުޑްގައި އަސްލު ހިނގާފައި ހުރި ބައެއް ކަންކަމާއި އަރްޔަންގެ އަމިއްލަ ދިރިއުޅުމުގައި ހިނގާފައި ހުރި ބައެއް ކަންކަމުގެ މައްޗަށެވެ.

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރްޔަން ޑައިރެކްޓުކުރި އެ ސީރީޒް އުފެއްދީ ޝާހުގެ އަމިއްލަ ޕްރޮޑްކަޝަން ރެޑް ޗިލީ އެންޓަޓެއިންމަންޓާއި ނެޓްފްލިކްސް ގުޅިގެންނެވެ. އަދި ޕްރޮޑިއުސަރަކީ ޝާހުގެ އަންހެނުން އަދި އަރްޔަންގެ މަންމަ ގޯރީ ޚާނެވެ.

އަރްޔަން ލިޔެ އަދި ޑައިރެކްޓުކުރި "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ލީޑު ރޯލުތައް ކުޅުނީ ލަކްޝްޔާ ލަލްވާނީ އާއި ސަހޭރް ބަންބާ އެވެ. ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް މުހިންމު ރޯލުތައް ކުޅުނެވެ.