29 ސެޕްޓެމްބަރ 2025 - 20:42

ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ފިޔަވަޅު އަޅާނެ ހާއްސަ ކޮންފަރެންސެއް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި މިރޭ އެ ކަން އިއުލާން ކުރައްވައިފި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގެ އަޑުގަދަ ވެފައިވާ އަދި އެފަދަ ތުހުމަތުތައް ކުރެވޭ ސިޔާސީ ބައެއް މީހުންނަށް ހުކުމް ކުރަމުން އަންނައިރު، އެ ކޮންފަރެންސްގެ ތާރީހާއި ތަނަކާއި އެޖެންޑާ އަދި ރަޖިސްޓަރީ ކުރާނެ ގޮތުގެ ތަފުސީލް ކުރިއަށް އޮތް ހަފުތާގައި އާންމު ކުރާނެ ކަމަށް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެ އެވެ.
އެ އޮފީހުން ބުނިގޮތުގައި މަރުކަޒީ ބޭންކު އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ކޮންފަރެންސަަށް ލިބޭނެ އެވެ.
"މިއީ އާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ފެށުމެވެ،" ނަޝީދުގެ އޮފީހުގެ ބަޔާނުގައި ވެ އެވެ.
އެ އޮފީހުން ބުނީ، އެކި ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި، ތަހުލީލު ކުރަން ބާއްވާ ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމައުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުން ބައިވެރިވާނެ ކަމަށެވެ.
ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ މީހުންގެ މެދުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބަލައި "ގަނޑަށް އެ ކަންކަން ތިރި ކުރެވޭނެ" ކަމަށް ވެސް ނަޝީދުގެ އޮފީހުން ބުންޏެވެ.
"އެ އާދަކާދަ ބަދަލުކުރާން ބޭނުންވާ ބައިނަލްއަގްވާމީ އަދި އެތެރޭގެ އެހީ އާއި ހަރަކާތްތެރިކަމަށް ވެސް މި ކޮންފަރެންސް މެދުވެރިކޮށް ކަން ފަހި ކުރެވޭނެ އެވެ،" ބަޔާނުގައި ވެ އެވެ.
މި ކޮންފަރެންސާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުން ނޫން ކަމަށާއި އެ ވައްކަމުގައި ދިވެހިންގެ ކިބައިން ފޭރިގަނެވެނީ ފުރުސަތާއި އަބުރާއި އިއްޒަތް އަދި އިންސާފު ކަމަށެވެ.
"މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަ ކުރުމަށާއި ޕަބްލިކް އޮފިޝަލުން ކުރެން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރު ކުރުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް،" ނަޝީދާ ހަވާލާދީ އެ މަނިކުފާނުގެ އޮފީހުގެ ބަޔާނުގައި ވެ އެވެ.
ނަޝީދުގެ އިސްނެންގެވުމަކަށް ބާއްވާ ކޮރަޕްޝަނާ ދެކޮޅު ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ވެސް ނަގާނެ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުންޏެވެ. ލިޔެކިޔުން މުތާލިއާކޮށް، ގާނޫނީ އިސްލާހުތަކާއި ދެފުށް ފެންނަ އިޖުރާއަތްތަކާއި އުސޫލުތައް އަދި ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ކޮރަޕްޝަނާ ދެކޮޅު ކޮންފަރެންސަކަށް ކުރީގެ ރައީސް ނަޝީދު ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން އެ ކޯޓުން މިރޭ ހުކުމްކުރި އެވެ.
ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް މައުމޫން ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވާ ކަމަށް މިއދު ނިންމީ ދެ ދައުވާއެކެވެ. ބާކީ ދައުވާތަކުގެ ހުކުމް އިއްވާނެ ތާރީހެއް ކޯޓުން އަދި ކަނޑައެއް ނާޅަ އެވެ.
ފެނަކައިގެ އެމްޑީކަން ކުރެއްވި ސައީދުގެ މައްޗަށް ވެސް އިތުރު ދައުވާތައް ވަނީ އުފުލައި އަދި މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.