އިންޑިއާއިން ބޯޑަރު ހުރަސްކޮށް ހަދާ ފުރަތަމަ ރެއިލްވޭ ބޫޓާނަށް
އިންޑިއާއިން ބޯޑަރު ހުރަސްކޮށް ހަދާ ފުރަތަމަ ރެއިލްވޭ ބޫޓާނަށް

އިންޑިއާގެ ބޯޑަރު ހުރަސްކޮށް ހަދާ ފުރަތަމަ ރެއިލްވޭއިން ބޫޓާނާ ގުޅުވާލަން ނިންމައި އެ މަޝްރޫއު އިންޑިއާއިން އިއުލާނުކޮށްފި އެވެ.

މި ޕްރޮޖެކްޓަށް 454 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށާއި ހަތަރު އަހަރު ތެރޭ މަސައްކަތް ނިންމާނެ ކަމަށް ވެސް އިންޑިއާއިން ބުންޏެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިޝްރީ ވިދާޅުވީ ބޫޓާންގެ ވިޔަފާރީގެ މައި ބައިވެރިޔާއަކީ އިންޑިއާ ކަމަށްވާތީ، އެ ގައުމުގެ އިންފްރާސްޓްރަކްޗާ އާއި އިގުތިސާދު ޒަމާނީ ކުރުމުގައި އިންޑިއާއިން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ރެއިލްވޭ މިނިސްޓަރު އަޝްވިނީ ވައިޝްނަވް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ބޫޓާންގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

"މުޅި ސަރަހައްދު ގުޅުވާލަދޭނެ. މުދާ އުފުލުމަށް މިހާރު އެތައް ދުވަހެއް ނަގާ އިރު، ދެން މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެކަން ވާނެ."

ރެއިލްވޭ މިނިސްޓަރު އަޝްވިނީ ވިދާޅުވީ އާ ރެއިލްވޭ ހަދާނީ އިލެކްޓްރިކްކޮށް ކަމަށާއި ތިމާވެއްޓާ ވީހާ ވެސް ބޮޑަކަށް ރަހުމަތްތެރިކޮށް މަޝްރޫއު ކުރިއަށް ގެންދަން މަސައްކަތްކުރާނެ ކަމަށެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި، އިންޑިއާގެ ބޯޑަރު ކައިރީ، 10،000 މީހުންގެ އާބާދީއެއް އޮންނަ ބޫޓާންގެ ގެލެފޫ އާއި އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކޮކްރަޖަރްއާ ގުޅާލުމަށް 69 ކިލޯމީޓަރު (43 މޭލު) ދިގު ރެއިލްވޭއެއް ގާއިމްކުރާނެ އެވެ.

ދެ ވަނަ އަށް ހަދާނީ ބޫޓާންގެ ހުޅަނގު އުތުރުގެ ސިނާއީ ހަބެއް ކަމަށްވާ ސަމްޓްސޭ އާއި އިރުމަތީ އިންޑިއާގެ ބަނާރްހަޓް ގުޅުވާލަން 20 ކިލޯމީޓަރުގެ ރެއިލްވޭއެކެވެ. މި ކަމަށް 5.77 ބިލިއަން ރުޕީސް ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޗައިނާ އާއި އިންޑިއާއާ ދެމެދުގައި ބެދިފައި، 800،000 ގެ އާބާދީއެއް އޮންނަ ކުޑަ ގައުމެއް ކަމަށްވާ ބޫޓާނަކީ އިގްތިސާދީ ކުރިއެރުމަށް ވުރެ "ގްރޮސް ނޭޝަނަލް ހެޕިނެސް" އަށް އިސްކަން ދޭ ގައުމެކެވެ. ނަމަވެސް އެ ގައުމުގެ ގެލެފޫ އަށް ބޭރުގެ އިންވެސްޓްމަންޓްތަކާއި ޓޫރިސްޓުން ގެނެސް އިގްތިސާދީ ޒޯނަކަށް ބަދަލުކުރުމަކީ އެ ގައުމުގެ އަމާޒެކެވެ. -- އޭއެފްޕީ