ސްކޭމް ގޭންގެއްގެ 16 މީހަކު މަރަން ޗައިނާގައި ހުކުމްކޮށްފި
ސްކޭމް ގޭންގެއްގެ 16 މީހަކު މަރަން ޗައިނާގައި ހުކުމްކޮށްފި

މިއަންމާގެ ކޮކަންގް ސަރަހައްދުގައި ސްކޭމް ސެންޓަރުތައް ހަދައިގެން ކުށުގެ އެކި އަމަލުތައް ހިންގަމުން ދަނިކޮށް އަތުލައިގަތް އާއިލީ ގޭންގެއްގެ 16 މެންބަރަކަށް ޗައިނާއިން މަރުގެ ހުކުމް އިއްވައިފި އެވެ.

ގޭންގުތަކުން ގެންދަނީ ގާނޫނުތައް ތަންފީޒުނުވާ، މިޔަންމާ-ޗައިނާ ބޯޑަރު ސަރަހައްދުގައި ސްކޭމް ސެންޓަރުތައް ހަދައި އެކަން ވަރަށް ފުޅާކޮށް، ބިލިއަން ޑޮލަރުގެ ޣައިރު ގާނޫނީ ވިޔަފާރިއަކަށް ހަދައިފަ އެވެ. އެހެންވެ ޗައިނާއިން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާ ގުޅިގެން އެތައް ހާސް ބަޔަކު އަތުލައިގަނެ ޗައިނާއަށް ގެންގޮސްފަ އެވެ.

ވެންޒޫ އިންޓަމީޑިއޭޓް ޕީޕަލްސް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަރުގެ އަދަބު ދިން މީހުން ނިސްބަތްވާ ގޭންގަކީ 2015 ވަނަ އަހަރުން ފެށިގެން ސައިބާ ފްރޯޑް، ޑްރަގް ޓްރެފިކިން، ހަށިވިއްކުން އަދި ކެސިނޯ ހިންގުމާއި އެނޫން ވެސް ކުށްތަކުގައި އުޅޭ ބައެއް ކަމަށެވެ. މި ގޭންގުން ކުށުގެ އަމަލުތައް ހިންގުމުގައި ހަތިޔާރު އެޅި މީހުންގެ އެހީ ވެސް ހޯދާ ކަމަށާއި އެ މީހުން މިހާތަނަށް 14 މީހަކު މަރާފައިވާ ކަމަށް ވެސް ކޯޓުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން، މަރާލި 14 މީހުންގެ ތެރެއިން 10 މީހަކީ ކުށުގެ އަމަލުތައް ހިންގުމުގައި މަޖުބުރުން ބައިވެރިކޮށްގެން އުޅެނިކޮށް ފިލަން މަސައްކަތްކުރި މީހުންނެވެ.

ކޯޓުން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ތުހުމަތު ކުރެވޭ މީހުން ޗައިނާއަށް ފޮނުވާލަން އުޅުމުން އެކަމަށް ހުރަސްއެޅުމަށް "ސްކޭމް ކޮމްޕައުންޑް" ތެރެއަށް ބަޑިޖަހާފައި ވެސް ވެ އެވެ.

އެ ގޭންގުގެ ހަރަކާތްތަކަށް މާލީ އެހީވާ މީހުން އުޅޭ ކަމަށާއި އެ މީހުންގެ އެ ގޭންގަށް ހަތިޔާރުން ހިމާޔަތް ވެސް ހޯދައިދޭ ކަމަށް ކޯޓުން ބުންޏެވެ. ކޯޓުން ބުނި ގޮތުގައި މި ސްކޭމް ގޭންގުން 10 ބިލިއަން ޔުއާން (1.4 ބިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އަދަދެއްގެ މުއާމަލާތް ވަނީ ހިންގައިފަ އެވެ.

މަރުގެ ހުކުމް އިއްވި ފަސް މީހެއްގެ ހުކުމް ދެ އަހަރަށް ފަސްކޮށްދީފައި ވާއިރު އިތުރު 23 މީހެއްގެ މައްޗަށް ވަނީ ފަސް އަހަރާއި އުމުރު ދުވަހާ ދެމެދުގެ ޖަލު ހުކުމް އިއްވައިފަ އެވެ.

ޗައިނާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގޭންގުތަކުން ސައިބާ ސްކޭމް ސެންޓަރުތައް މެދުވެރިކޮށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް ހޯދާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ގިނަ ފަހަރަށް މި ކަންކަމުގައި ގެންގުޅެނީ ޓްރެފިކްކޮށްގެން މަޖުބޫރުން ގެންގުޅޭ މީހުން ކަމަށާއި ދެކުނު އެމެރިކާ، އެފްރިކާ، މެދުއިރުމަތި، ޔޫރަޕް އަދި ޕެސިފިކްގެ ބައެއް ގައުމުތަކުން ވެސް މީހުން ގެންގޮސްގެން އެ ސެންޓަރުތަކުގައި ގެންގުޅޭ ކަމަށް ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން ބުނެ އެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް 20 ގައުމެއްގެ 7،000 އަށް ވުރެ ގިނަ މީހުން ވަނީ މިއަންމާގެ ސްކޭމް ސެންޓަރުތަކުން ސަލާމަތްކޮށްގެން ގައުމުތަކަށް ގެންގޮސްފަ އެވެ. -- އޭއެފްޕީ