27 މާޗް 2017 - 15:19

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 ޖެހިގެން މަރުވި މީހުންގެ އަދަދު ހަޔަކަށް އަރައިފި އެވެ.
އުމުރުން 80 އަހަރުގެ މި މީހާ މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެކަމަކު އެ މީހާ އެޗް1އެން1 ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ މީހާއާ ބެހޭ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި މައުލޫމާތުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެޗް1އެން1 އަށް 546 މީހަކު ޓެސްޓްކުރި އިރު 199 މީހަކުވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 35 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެޗް1އެން1 އަށް ފަރުވާ ހޯދައިގެން ޑިސްޗާޖު ކޮށްފައިވަނީ 12 މީހެކެވެ.
ހިސާބުތައް ދައްކާ ގޮތުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މުޅި ރާއްޖޭގައި ވެސް އަންނަނީ މަދުވަމުންނެވެ.
ރޯގާއާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު އަލުން ހުޅުވުމަށް ފަހު މިއަދު ވަނީ އަނެއްކާވެސް ތިން ދުވަހަށް ބަންދުކޮށްފަ އެވެ. ސްކޫލްތައް ހުޅުވި ނަމަވެސް ސްކޫލްތަކަށް ދަރިވަރުން ނުދާތީ ސްކޫލްތައް އޮތީ ހުސްކޮށެވެ.