ރަށްރަށުގައި މިހާތަނަށް 82 އޭޓީއެމް، 313 މިލިއަން ރުފިޔާގެ މުއާމަލާތް!
ރަށްރަށުގައި މިހާތަނަށް 82 އޭޓީއެމް، 313 މިލިއަން ރުފިޔާގެ މުއާމަލާތް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތަކުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިއްޔެގެ ނިޔަލަށް 82 އޭޓީއެމް ބަހައްޓާފައިވާ ކަމަށާއި އެ މެޝިންތައް މެދުވެރިކޮށް މިހާތަނަށް 122،000 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅުތަކުގައި ބެހެއްޓި 82 އޭޓީއެމުން 122،000 ޓްރާންސެކްޝަން ހަދައިފާ ވާއިރު، ޖުމުލަ 313 މިލިއަން ރުފިޔާ ރޯލްކޮށްފައި ވެ އެވެ. އޭގެ ތެރެއިން 145 މިލިއަން ރުފިޔާއަކީ އޭޓީއެމް މެދުވެރިކޮށް އެކައުންޓުތަކަށް ޖަމާކުރި ފައިސާ ކަމަށް ބޭންކުން ބުންޏެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14،000 ޓްރާންސެކްޝަން ހަދައި 78 މިލިއަން ރުފިޔާ ރޯލުކުރެ އެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9،000 ޓްރާންސެކްޝަން ހަދާއިރު ރޯލްކުރާ ފައިސާގެ އަދަދަކީ 25 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލް އިން މިއަދު ވަނީ ރ. އަތޮޅުގައި ނުވަ އޭޓީއެމެއްގެ ހިދުމަތް ފަށައިފަ އެވެ. އެ ބޭންކުން މިއަދު އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި އެ މެޝިންތަކުގެ ހިސާބުތަކެއް ނުހިމެނެ އެވެ.

ގިނަ ރަށްތަކެއްގައި އޭޓީއެމް ނުބަހައްޓާ އިރު ބީއެމްއެލްގެ ހިދުމަތް ރަށްތަަކަށް ދެމުން އައީ މޯބައިލް ބޭންކިން އުޅަނދުތައް ފޮނުވައިގެންނާއި ރަށު އެޖެންޓުން މެދުވެރިކޮށެވެ.