މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ ދެ ދައުވާއެކެވެ.

އެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށް ފަހު، މައުމޫންގެ މައްޗަށް ކޯޓުން އިއްވީ ޖުމްލަ 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް ދައުލަތުން އެދިފައިވަނީ އަދަބުގެ ދަރަޖަ މަތިކޮށް، ބޮޑު އަދަބެއް މައުމޫންގެ މައްޗަށް ދިނުމަށެވެ. އެހެންވެ، ކޯޓުން ވަނީ އަދަބުގެ މިންވަރު މަތިކޮށްފަ އެވެ.

މިއަދު ސާބިތުވި ދެ ދައުވާގެ އިތުރުން މައުމޫންގެ މައްޗަށް ކުރާ އިތުރު ފަސް ދައުވާއެއް އަދި ބާކީ އެބައޮތެވެ. ނަމަވެސް އެ މައްސަލަތަކުގެ ހުކުމް މިއަދު ނީއްވަ އެވެ.

އެނގިފައިވާ ގޮތުގައި މިހާތަނަށް ހައްޔަރު ނުކޮށް ހުރި މައުމޫންގެ މައްޗަށް ހުކުމް އިއްވަން މިއަދު ކޯޓަށް ހާޒިރުކުރީ ވެސް ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.

ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި މިދިޔަ އަހަރު އޭނާ އަމިއްލައަށް ރާއްޖެ އައުމުން، އޭނާ ފުރުން މަނާކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި "އެންމެ ބާރުގަދަކޮށް" އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނުނު މައުމޫން ރާއްޖެއިން ބޭރަށް ދިއުމުން، އޭސީސީގެ ތަހުގީގު ޓީމުތައް ވެސް އޭނާގެ ފަހަތުން ގޮސް ތަހުގީގު ނިންމަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެ އެވެ.

މައުމޫންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިއިރު، އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.