އުސޫލުން ބޭރުން އެއްވެސް ފައިސާއެއް ދޫނުކުރަން: މުއާޒް
އުސޫލުން ބޭރުން އެއްވެސް ފައިސާއެއް ދޫނުކުރަން: މުއާޒް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް މުއާޒް މުހައްމަދު ރަޝީދު ހުންނެވި ދުވަސްވަރު، އެއްވެސް ކުންފުންޏަކަށް އުސޫލުން ބޭރުން ފައިސާ ދޫކޮށްފައި ނުވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ކުރި ކެމްޕޭނުގެ ދުވަސްވަރު ކެމްޕޭނަށް ފައިސާ ބޭރުކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބަޔާންކޮށް، މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވައިލާފައިވާ ސަސްޕިޝިއަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) އެއް ކަމަށް ބުނާ ޑޮކިއުމެންޓެއް ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އާއްމުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ލީކް ކޮށްލާފައިވާ އެސްޓީއާރަކީ ސައްހަ ޑޮކިއުމެންޓެކެވެ. އެ ޑޮކިއުމެންޓްގައިވާ ގޮތުން މަޖިލިސް އިންތިހާބުގެ ތިން ދުވަސް ކުރިން ކެންކޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަށް ފެނަކައިން 2.5 މިލިޔަން ރުފިޔާ ޓްރާންސްފާ ކޮށްފައި ވެ އެވެ.

އެސްޓީއާރްގައިވާ ގޮތުން އެ ޓްރާންސެކްޝަން އެފްއައިޔޫގެ ސަމާލުކަަމަށް އައީ ދަންވަރުގެ ލަސް ގަޑިއެއްގައި ކޮށްފައި ވުމާ އެކު، އެއީ މަޖިލިސް އިންިތހާބަށް ތިން ދުވަހަށް ވެފައި އޮއްވައި ހެދި ޓްރާންސެކްޝަނަކަށް ވުމުންނެވެ.

އެ ހިސާބުން، ފެނަކަ އާއި ކެންގޯއާ ދެމެދު ކޮށްފައިވާ މުއާމަލާތްތައް ބެލި ބެލުމުން ޖެނުއަރީ 1، 2023 އިން ސެޕްޓެމްބަރު 30، 2024 އާ އާ ހަަމަށް 47 ޓްރާންސެކްޝަނެއް ފެނަކައިން ކެންކޯ އަށް ހަދާފައި ވެ އެވެ. އެ ޓްރާންސެކްޝަންތަކުން ދޫކުރި ފައިސާގެ 37 މިލިޔަނަށް އަރަ އެވެ.

ފެނަކައިން ކެންކޯއާ ކޮށްފައިވާ މުއާމަލާތް ތަކުގައި އެ ކުންފުނިން ފެނަކައަށް ވިއްކި ކަމަށް ބުނާ މުދާ، އެ ކުންފުނިން އެތެރެކޮށްފައި ނުވާ ކަން ވެސް އެފްއައިޔޫއިން ވަނީ ހޯދައިފަ އެވެ.

އެކަމާ ބޭހެ ގޮތުން "މިހާރު" އަށް މުއާޒް ވިދާޅުވީ އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ފަހުން ވެސް ، ފެނަކައިން ކުންފުނިތަކަށް ދޫކުރަން ޖެހޭ ފައިސާ އޮންނަ އުސޫލުން ދޫކުރަމުން ގޮސްފައި ވާނެ ކަމަށެވެ.

"އިންތިހާބުގެ ކުރިންނާއި ފަހުން ވެސް ފެނަކައިން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާތައް އޮންނަ އުސޫލުގެ ތެރެއިން ދޫކުރަމުން ދިޔަ. ފައިސާ ލިބެން ނުޖެހޭ އެއްވެސް ކުންފުންޏަކަށް ފައިސާ ދޫކޮށްފައެއް ނުވާނެ. އަޅުގަނޑު ހުރެގެން އެއްވެސް ޓްރާންސެކްޝަނެއް ގަވާއިދާ ޚިލާފަށް ކޮށްފައެއް ނޯންނާނެ،" މުއާޒް ވަރަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ފައިސާ ތަކެއް ބޭރުކުރި ކަމަށް ތުހުމަތުކުރެވޭ ޑޮއިކުމެންޓެއް އާއްމުކޮށްފައި ވަނީ އެ ކޯޕަރޭޝަންގެ ތެރޭގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ހިންގި ކަަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތަކެއް، އޮޑިޓާ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ހާމަކޮށްފައި ވަނިކޮށެވެ.