ދެވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނު ނަމަވެސް ނިއު ރޭޑިއަންޓާ ހަވާލުވާނަން: ސުޒޭން
ދެވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނު ނަމަވެސް ނިއު ރޭޑިއަންޓާ ހަވާލުވާނަން: ސުޒޭން

ނިއު ރޭޑިއަންޓް ގޮވައިގެން ދެވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނަސް، އެ ޓީމާ ހަވާލުވާނެ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ނިއު އެނބުރި އައީ، އެ ކްލަބްގެ ކުރީގެ އެންމެ ވާދަވެރި ވިކްޓަރީގެ ލެޖެންޑް ސުޒޭންއާ އެކު އެވެ. ކުޅުނު އިރު ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރެވިފައިވަނީ ނިއުގެ ވާދަވެރިއެއްގެ ގޮތުގަ އެވެ.

ސުޒޭން ބުނީ މި ސީޒަނުގައި ނިއު، ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެކަމުގެ ޔަގީންކަން ކުރިން ވެސް އޮތް ކަމަށެވެ. އެ ޓީމުގެ ކޯޗުކަން އޭނާ އަށް ހުށަހެޅުމުން އެކަން ގަބޫލު ކުރީ ވެސް އެ ޔަގީންކަން އޮތުމުން ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"އަޅުގަނޑުމެން ހަގީގަތަށް ވާހަކަ ދައްކަމާ ހިނގާ. ބައިވަރު ޕޮޒިޓިވް ވާހަކަތައް ހުރި، މި ސީޒަނުގައި ނިއު ރޭޑިއަންޓް އެއްވަނަ ޑިވިޝަނުގެ ވާދަކުރާނެކަމުގެ. އެ ހުރިހާ އެއްޗަކަށް ބަލާފަ އެ ނިންމި ނިންމުން ނިންމީ،" ސުޒޭން ވާހަކަ ދެއްކި އެވެ.

ހަތް އަހަރަށް ފަހު ނިއު އެއްވަނަ ޑިވިޝަނުގައި ވާދަކުރަން ފުރުސަތު ލިބުނީ، ކުރިން އެއްވަނަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގުން ވަކިވުމުންނެވެ. ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ޓީމަށް، ނިއު ވުމުން އެ ޖާގަ ދިނީ އެ ކްލަބަށެވެ.

އެކަމަކު އެ ފުރުސަތު ނިއު އަށް ނުލިބި، ދެވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނު ނަމަވެސް ނިއުއާ އެކު މަސައްކަތް ކުރާނެ ކަމަށް ސުޒޭން ބުންޏެވެ.

"ސެކަންޑް ޑިވިޝަނުގައި ކުޅެން ޖެހުނު ނަމަވެސް އެ ޗެލެންޖަކީ އަޅުގަނޑު ނުނަގާނެ ޗެލެންޖެއް ނޫން. އެ ޗެލެންޖް ނަގަން ތައްޔާރަށް ހުރީ. ފުޓްބޯޅައިގައި މަސައްކަތް ކުރާ ކަމަށް ވަންޏާ އެބަ ޖެހޭ އެ ޗެލެންޖް ނަގަން. އަޅުގަނޑުގެ 40 ވަނަ ސީޒަން މި ގޮލޮޅު ދަނޑުގައި މި ފަށަނީ. އެ ފަށާއިރު ސެކަންޑް ޑިވިޝަނުގެ ޓީމެއްގައި މަސައްކަތް ކޮށްލަން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން،" ސުޒޭން ބުންޏެވެ.

"އެކަމަކު އަޅުގަނޑުމެން ހަގީގަތް ގަބޫލުކުރަން ޖެހޭ. ނިއު ރޭޑިއަންޓް ފަސްޓް ޑިވިޝަނަށް އަންނާނެކަމުގެ ޔަގީންކަމާ އެކު ކުޅުންތެރިން ހަމަކޮށް ހުރިހާ ތައްޔާރީތަކެއް ވަމުން ދިޔައީ. އެހެންވީމަ އޭގެ ތެރެއިން އަޅުގަނޑާ ދެކެވުނު ވާހަކައިގައި އަޅުގަނޑު ވެސް އެއްބަސްވީ."

ވިކްޓަރީ އަށް ގިނަ ކާމިޔާބުތަކެއް ހޯދައި ދިން ކޯޗު ސިފަ ކުރި ގޮތުގައި އޭނާ އަކީ އެ ޓީމު އޭރު މެޗަކުން ބަލިވެއްޖެނަމަ ގެއަށް ވަދެ ބަނޑުން އޮށާވެގެން އޮވެ ރޯން އޮތް ޖީލުގެ މީހެކެވެ.

އޭނާ ސިފަ ކުރި ގޮތުގައި އޭނާގެ ޖީލުގައި ވިކްޓަރީގެ ސަޕޯޓަރުންނަށް ނިއު ރޭޑިއަންޓް ބަލައިގަނެފައި ވަނީ ވާދަވެރިއަކަށް ވުރެ ވެސް ބޮޑަށް ހަތުރުވެރިއެއް ގޮތަށެވެ. އަދި ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންނަށް ވިކްޓަރީ ވެސް ބަލައިގަނެވިފައި ވަނީ ހަތުރުވެރިއެއް ގޮތަށް ކަމަށް ސުޒޭން ބުންޏެވެ.

"އެ އިހްސާސް ކުރެވިފައި ހުރި މީހެއް އަޅުގަނޑަކީ،" ސުޒޭން ބުންޏެވެ.

އެކަމަކު މިހާރު އެ އިހްސާސް ތަފާތު ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ އަމިއްލަ މަސައްކަތެއް ކުރާއިރު އަޅުގަނޑު ފޯކަސް ހުންނާނީ އަޅުގަނޑަށް ކާމިޔާބު ހޯދަން. އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑު މިއައީ،" ސުޒޭން ބުންޏެވެ.

"ދެން ނިއު ރޭޑިއަންޓް ކަހަލަ ބޮޑު ޓީމެއްގެ އޮފާއެއް (ހުށަހަޅައިފިނަމަ) ދިވެހި ކޯޗެއް ވަރަށް ނޫނެކޭ ނުބުނާނެ. އަދި ބޭރު ކޯޗުން ވެސް އެ އޮފާ ނަގާނެ،" ސުޒޭން ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓަށް ކުރިއަށް އޮތީ އެ ޓީމުގެ ކުރީގެ އަނެއް ވާދަވެރިޔާ ވެލެންސިއާ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް މުސާރަ ދީގެން އެންމެ ފުރަތަމަ ކުޅުވަން ފެށީ ވެލެންސިއާއިންނެވެ. އެއީ 1992 ގެ ސީޒަނުގަ އެވެ. އެ އަހަރު ވެލެންސިއާއިން މުސާރަ ދީގެން އެ ކްލަބަށް ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި ސުޒޭން ވެސް ހިމެނެ އެވެ.

ވެލެންސިއާ އާއި ނިއުގެ މެޗު އޮންނާނީ ބުދަ ދުވަހު ހަވީރު އެވެ.