ޗުއްޓީ ނިންމައި މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ
ޗުއްޓީ ނިންމައި މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ދެ ވަނަ ދައުރުގެ ޗުއްޓީ ނިންމުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާއެއް ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކުރި ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ކަނޑައެއް ނާޅަ އެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީގައި ތިބި އިރު، ދައުރުން ބޭރުގެ ގިނަ ޖަލްސާތަކެއް ބޭއްވި އެވެ. ނޫސްވެރިންގެ ފާޑުކިއުން އަމާޒުވި މީޑިއާ ގާނޫނު ފާސްކުރީ ދައުރުން ބޭރު ޖަލްސާއެއްގަ އެވެ. އަދި ގައުމީ މުހިއްމު މައްސަލަތަކުގައި އާއްމުންގެ ހިޔާލު ހޯދުމުގެ ގާނޫނު ވެސް ފާސްކުރީ ދައުރުން ބޭރު ޖަލްސާއެއްގަ އެވެެ.

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގައި ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުުމުގެ ބިލުގެ މަސައްކަތާއި ޓްރޭޑްމާކް ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ހިމެނެ އެވެ. އޭގެ އިތުރުން ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަކާއި ޒަކާތުގެ ގާނޫނެއް ހަދަން ހުށަހަޅާފައި އޮތް ބިލެއް ވެސް މަޖިލީހުގައި އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތަކެވެ.