29 ސެޕްޓެމްބަރ 2025 - 14:23

ރާއްޖެއަށް ގިނަ އަދަދެއްގެ ސިނގިރޭޓާއި ވޭޕް އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ތިން ބެއިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ފާސްކޮށް، ލ. މާބައިދުއަށް އުފަން އެއްބަނޑު އެއްބަފާ ހަތަރު ފިރިހެނަކު ހިފެހެއްޓި އެވެ. އޭގެ ތެރެއިން، ހެކިތަކަށް ބަލައި ހައްޔަރުކުރީ ތިން މީހުންނެވެ.
އެއީ؛
ނަޝްވާން މުހައްމަދު، 32، އާއި ނަހުޒާން މުހައްމަދު، 25، އަދި ނަބުހާން މުހައްމަދު، 22، އެވެ. އެ ތިން މީހުންނަކީ ވެސް ލ. މާބައިދޫ، ސޭޑީކޯނަރުގޭ މީހުންނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނަޝްވާނާއި ނަހުޒާން ވަނީ ޝަރުތަކާ އެކު ދޫކޮށްލައިފަ އެވެ. ނަބުހާންގެ ބަންދަށް ތިން ދުވަސް ދީފައިވެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ހިފަހައްޓާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ފާސްކުރި އެޕާޓްމަންޓެއްގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111،880ރ. ގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ ތަކެތި ފެނިފައިވާ ކަމަށް ބުންޏެވެ.