"ޕަދްމާވަތީ"އާ ބެހޭ ދޮގު ވާހަކަ އެބަ ދައްކާ: ބާންސާލީ
"ޕަދްމާވަތީ"އާ ބެހޭ ދޮގު ވާހަކަ އެބަ ދައްކާ: ބާންސާލީ

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ މިހާރު އުފައްދަމުންދާ "ޕަދްމާވަތީ"ގެ ސެޓަށް ދެ ފަހަރެއްގެ މަތިން ބޮޑެތި ގެއްލުންތަކެއް ބަޔަކު ވަނީ ދީފަ އެވެ. ފުރަތަމަ، ކަރްނީ ސޭނާ ކިޔާ ގްރޫޕެއްގެ ބަޔަކު ޖޯދްޕޫރުގައި ހުރި ސެޓަކަށް ހަމަލާދީ އެތަން ސުންނާފަތިކޮށްލީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެއަށްފަހު ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެކަމަށް ބެލެވިފައި ވަނިކޮށް މިދިޔަ ހަފުތާގައި ބަޔަކު ވަނީ ކޯލާޕޫރްގައި ހެދި ސެޓުގައި ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.

"ޕަދްމާވަތީ"އާ ބެހޭ ދޮގު ވާހަކަ އެބަ ދައްކާ: ބާންސާލީ
"ޕަދްމާވަތީ"އާ ބެހޭ ދޮގު ވާހަކަ އެބަ ދައްކާ: ބާންސާލީ

މިގޮތަށް ދެ ވަނަ ފަހަރަށް ސެޓަށް ގެއްލުން ދީފައި މިވަނީ ބާންސާލީގެ ޕްރޮޑަކްޝަން ހައުސް އިން މިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކައި އެއްވެސް މީހަކު ހިތްހަމަނުޖެހޭ ކަހަލަ މަންޒަރެއް ފިލްމުގައި ނުހިމެނޭނެކަމަށް ބުނެ ކަންތައްތައް ސާފުކޮށްދީފައި ވަނިކޮށެވެ.

ބޮމްބޭ ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ބާންސާލީ ބުނި ގޮތުގައި އޭނާގެ ފިލްމާ ބެހޭ ގޮތުން ދޮގު ވާހަކަތައް ބަޔަކު މީހުން ދަނީ ދައްކަމުންނެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކަށް އޮޅުންތައް އަރައި އޭނާގެ ފިލްމަށް ހަމަލާތައް ދެނީ ކަމަށް ބާންސާލީ ތުހުމަތުކުރި އެވެ.

"ޕަދްމާވަތީ" އަކީ ރާޖްޕޫތުގެ ރާނީއެއް އޭނާގެ އިއްޒަތާއި ގަދަރު ރައްކާތެރިކުރުމަށްޓަކައި ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށް ބާންސާލީ ބުންޏެވެ. އަދި އެއީ އިންޑިއާގެ ކޮންމެ މީހަކު ވެސް ފަޚުރުވެރިވާން ޖެހޭ ފަދަ ފިލްމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ފިލްމުގެ މަސައްކަތް އޭނާ އާއި ޓީމުން ފެށީ ވަރަށް ގިނަ ދިރާސާތައް ހަދައި އެ ވާހަކައާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް އެއްކުރުމަށް ފަހު ކަމަށާއި އެއްވެސް މީހަކު ހިތްހަމަނުޖެހޭ ކަހަލަ ހާދިސާތަކެއް ފިލްމުގައި ނުހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ބާންސާލީ ބުނި ގޮތުގައި މި ވާހަކަތައް ތަކުރާރުކޮށް އޭނާ މީޑިއާތަކުގައި ކިޔައިދީފައިވީ ނަމަވެސް ތަކުރާރުކޮށް އޭނާގެ ފިލްމުގެ ސެޓުތަކަށް ދޭ ގެއްލުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެކަމާ ވަރަށް ދެރަވެ ހިތާމަކުރާ ކަމަށް ވެސް ބާންސާލީ ބުންޏެވެ.

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރުގެ މި ފިލްމަށް ކިތަންމެ ދަތި އުނދަގޫތަކެއް ކުރިމަތިވިޔަސް ކަނޑައަޅާފައިވާ ތާރީޚު ކަމަށްވާ ޑިސެމްބަރު މަހުގެ ފަހުކޮޅު ފިލްމު ނިންމައި ރިލީޒްކުރަން ބާންސާލީ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.