29 ސެޕްޓެމްބަރ 2025 - 14:46

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން، ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކު ޗާޖުތައް އުނިކޮށްގެން ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
އެ މައްސަލާގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ފީފާ އިން އެފްއޭއެމަށް ދިން ފައިސާއަކީ އެފްއޭއެމްގެ ކަންކަމަށް ހަރަދުކުރަން ދިން ފައިސާކަން ހެކިތަކުން އެނގޭއިރު، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ފައިސާއާ ބެހޭ ކަންކަމުގައި ގޮތް ނިންމުން ގޮސްފައިވަނީ ބައްސާމް ކަމަށެވެ. އޭނާގެ އަމިއްލަ ކަންކަމަށް ފައިސާ ބޭނުން ކުރިކަން ހެކިތަކުން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ބައްސާމްގެ ފަރާތުން ބުންޏަސް، ދައުލަތުން ބުނިގޮތުގައި އެ އަދަދަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް ލިބިފައި ނުވާތީ އެއީ ޑޮލަރު މާރުކުރުން ކަމަށް ބެލެވޭނެ ގޮތެއް ނެތެވެ. އަދި އެއީ އެފްއޭއެމްގެ ރައީސަށް ފީފާއިން ދެމުން އައި އެލަވަންސްގެ ފައިސާ ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގައި، ހިޔާނާތުގެ ކުށުގެ ހުރިހާ އުންސުރެއް އެ މައްސަލާގައި ފުރިހަމަވާތީ ބައްސާމްގެ މައްޗަށް ކުށް ސާބިތުވާނެ އެވެ.
ދައުލަތުން ބުނީ، ބައްސާމް ބޭނުންކުރީ އެފްއޭއެމްގެ ފައިސާކަން ޝައްކު ކުރެވޭ ހާލަތެއް ކަމަށް ވާތީ މަނީ ލޯންޑްރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ސާބިތުވާނެ ހެކި އެބަހުއްޓެވެ. އަދި އެކި މަރުހަލާތަކުގައި އެކި ގޮތަށް ބައްސާމްގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ބައްސާމްގެ ވަކީލް ޒުބައިރު މުހައްމަދު ވިދާޅުވީ، އެއީ ކުށް ކޮށްގެން ހޯދި ފައިސާއެއް ނޫން ކަމަށް ބައްސާމް ބުނާ ކަމަށެވެ. އެއީ ކުށެއް ކޮށްގެން ހޯދި ފައިސާ ނުވަތަ އެއީ އެފަދަ ހާލަތަކަށް ޝައްކުވާ ފައިސާއެއް ބެލެވޭނެ ސަބަބެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އަދަދަކީ ބައްސާމަށް އެފްއޭއެމުން ދޭންޖެހޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ކަމަށް ޒުބައިރު ވިދާޅުވި އެވެ. އެ ފައިސާ ނެގުމަށް ލިޔުންތައް ތައްޔާރުކުރީ ބައްސާމް ނުވަތަ އޭނާކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ފައިސާ ނެގުމަށް ބޭނުންކުރި ލިޔުންތައް ތައްޔާރުކުރީ ބައްސާމްކަން އެނގޭނެ އެއްވެސް ހެއްކެއް ނެތްއިރު އަދި އެ ފައިސާ ނެގުމުގައި ބައްސާމް ބައިވެރިކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ. އެއީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ބައްސާމަށް ލިބެންޖެހޭ އެލަވަންސްގެ ފައިސާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެ އެލަވަންސް ބައެއް ފަހަރު އެއްފަހަރާ ޖަމާކުރުމަކީ ހިނގާ ކަމެއްކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި އެ ފައިސާ ގެއްލިގެން އެފްއޭއެމްގެ ފަރާތުން އޭރު އެއްވެސް ޝަކުވާއެއް ކޮށްފައި ނުވެ އެވެ. އެހެންވެ، އެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމައިދޭން އެދޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
އަޑުއެހުން ނިންމާލުމުގެ ކުރިން އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ބައެއް ސުވާލުތައް ބައްސާމުއާ އަމާޒު ކުރެއްވި އެވެ. އޭގެ އެއްވެސް ސުވާލަކަށް ޖަވާބެއް ދޭން ބޭނުން ނުވާ ނަމަ އެ ފުރުސަތު އޮތްކަން ގާޒީ ހަނދާންކޮށް ދެއްވި އެވެ.
އެގޮތުން ޑޮލަރު ގަތުމުގެ މުއާމަލާތްތައް ބައްސާމާއި އެފްއޭއެމާ ދެމެދު ކުރިން ކޮށްފައިވޭތޯ ގާޒީ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ބައްސާމް ބުނީ ޑޮލަރު ގަތުމުގެ މުއާމަލާތް ކުރިން ވެސް ހިންގާ ކަމަށެވެ. ނަމަވެސް އެގޮތަށް ހިންގާފައި ހުރި މުއާމަލާތްތަކުގެ އަދަދު ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.
"ހުންނާނެ ޑޮލަރު ގަނެފައި. ސީދާ ކިހާވަރެއް ކަމެއް، ކޮންއިރަކު ކަމެއް ހަނދާނެއް ނެތް،." ބައްސާމް ބުންޏެވެ.
ޑޮލަރު މާރު ކުރުމުގެ މުއާމަލާތްތައް ހިންގަނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވުމުން ބައްސާމް ބުނީ އެކަން ކުރަނީ އެފްއޭއެމްގެ ފައިސާއާ ބެހޭ ޑިޕާޓްމެންޓުން ކަމަށެވެ.
ގާނޫނު އޮތްގޮތުން ހިޔާނާތުގެ ކުށް ފުރިހަމަ ވަނީ ފައިސާ ބޭނުން ކުރުމުން ކަމަށް ވާއިރު، އަދި އެ މައްސަލާގައި މަނީލޯންޑްރިންގެ ދައުވާކުރަނީ ވެސް އެ ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކޮށް ކަމަށް ވާތީ، އެއީ އެއް ކުށަކަށް ނުވޭތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ހިޔާނާތުގެ ފައިސާ ބޭނުން ކުރުމާއި މަނީލޯންޑާ ކުރުން އެއީ ތަފާތު ދެ ކުށެއް ކަމަށެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފަހު، އެ މައްސަލާގެ އަޑުއެހުންތައް ނިމުނީކަން ގާޒީ ޝަފީއު އިއުލާން ކުރެއްވި އެވެ. އަދި ހުކުމް އިއްވާނެ ދުވަސް ކޯޓުން އަންގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ.
އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.
މީގެއިތުރުން ބައްސާމް ގަނެފައިވާ ޕެންޓްހައުސްއެއް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކުރިން ހިފެހެއްޓި އެވެ.