29 ސެޕްޓެމްބަރ 2025 - 13:23

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެވެ. ނަމަވެސް އަލުން މައްސަލަ ބެލުމުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ދަށު ކޯޓަށް ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ހައި ކޯޓުން ބާތިލްކުރި އެވެ. އޭނާގެ ވެސް މައްސަލަ އަލުން ބަލަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފްކުރީ އާ ހެކިތައް އެއް ފަރާތްކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ބައި އެކަންޏެވެ. މީގެ ކުރިން އެ މައްސަލާގެ އަޑުއެހުންތައް ނިންމާލި ނަމަވެސް ފަނޑިޔާރުންގެ ބެންޗު ބަދަލުވުމުން މިއަދުގެ އަޑުއެހުން ބޭއްވީ އިޖުރައާތު ފުރިހަމަ ކުރުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލާގައި ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ. އަދި ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލަ އަލުން ބަލާއިރު، އެ ހެކިތަކާ މެދު ދެ ފަރާތުން ބަހުސް ކުރުމަށް ފަހު، އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން ގޮތެއް ނިންމޭނެ ކަމަށް ކަނޑައަޅަން ދައުލަތުން އެދުނެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުން ނިމިގެން ދިޔައީ ދަށު ކޯޓުން މައްސަލަ އަލުން ބަލަންޖެހޭ ގޮތަށް ކަމަށެވެ. އަދި މިހާރު އާ ވާހަކަތަކެއް ހިފައިގެން ދައުލަތުން ސުޕްރީމް ކޯޓަށް ދިއުމުން މައްސަލަ ލަސްވެ، އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ދައުވާ ލިބޭ ފަރާތްތަކަށް ކަމަށް ޖަމީލް ވިދާޅުވި އެވެ. އާ ވާހަކަތަކެއް ދައުލަތަށް މި މަރުހަލާގައި ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީނާއި ޔޫސުފްގެ ނައީމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ދައުލަތުން ދަށު ކޯޓަށް އާ ހެކިތަކެއް ހުށަހެޅީ ވެސް އިޖުރައާތުތަކާ ހިލާފަށް އަދި ކަމާ ނުގުޅޭ މާއްދާއަކާ ހަވާލާދިނުމަށް ފަހު ކަމަށާއި އެކަމަށް ދިފާއީ ވަކީލުން ފުރަތަމަ މަރުހަލާގައި ވެސް އިއުތިރާޒުކުރި ކަމަށެވެ. ނަމަވެސް އެކަން ހައި ކޯޓުގައި ވެސް ދައުލަތުން ދިފާއު ކުރުމަށް ފަހު، މިހާރު ސުޕްރީމް ކޯޓުގައި ދައްކަނީ މުޅިން އާ ބަހުސެއްގެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވި ގޮތުގައި އާ ބަހުސެއް ހިފައިގެން އިސްތިއުނާފު މަރުހަލާގައި ބަހުސެއް ނުކުރެވޭނެ އެވެ. އެއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހެކިތައް އުފަންވީ ކޮން އިރަކުންތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެ ހެކިތައް މައްސަލަ ފެށުނުއިރު ވެސް ހުރި ކަމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި ހުކުމް އިއްވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިިިިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.