29 ސެޕްޓެމްބަރ 2025 - 12:36

ލ. ކައްދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ މަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާނެވެ.
އެ އެކްސިޑެންޓް ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ކަފިހި ހުރަހަކުން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެ ސައިކަލު ޖެހުނީ އެ ވަގުތު ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ ލ. މާވަށު އެތުމާ، މަރްޔަމް މޫސާ އާއި އޭނާގެ މާމަދަރިފުޅުގެ ގައިގަ އެވެ.
މަރްޔަމް މޫސާ ނިޔާވީ އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އެރޭގެ ވަގުތެއްގަ އެވެ.
ފުލުހުން މިއަދު ބުނީ ނައުސާންއާ ދެކޮޅަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ ހާދިސާގައި ނިޔާވި މީހާގެ މާމަ ދަރިފުޅުގެ އިތުރުން ސައިކަލުގެ ފަހަތުގައި ހުރި އަންހެނަކަަށް ވެސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިނެވެ.
ފުލުހުން ބުނި ގޮތުގައި ނައުސާނަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެތައް ފަހަރު ޖޫރިމަނާކޮށްފައިވާ މީހެެކެވެ.