ބުޅަލެއް މަރާލި ކަމުގެ ތުހުމަތާ އެކު ދެބެއިންގެ މެދުގައި މައްސަލަޖެހި ޕޮލިހަށް
ބުޅަލެއް މަރާލި ކަމުގެ ތުހުމަތާ އެކު ދެބެއިންގެ މެދުގައި މައްސަލަޖެހި ޕޮލިހަށް

ގޭގައި ގެންގުޅޭތާ ހަތް ވަރަކަށް އަހަރު ވެފައިވާ ބުޅަލެއް މަރާލި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދެބެއިންގެ މެދުގައި މައްސަލަ ޖެހި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ބުޅަލެއް މަރާލި ކަމުގެ ތުހުމަތާ އެކު ދެބެއިންގެ މެދުގައި މައްސަލަޖެހި ޕޮލިހަށް
ބުޅަލެއް މަރާލި ކަމުގެ ތުހުމަތާ އެކު ދެބެއިންގެ މެދުގައި މައްސަލަޖެހި ޕޮލިހަށް

ޅ. ނައިފަރުގެ ގެއެއްގައި ގެންގުޅޭ "ބިސްބުރި" ނަމަކަށް ކިޔާ އެ ބުޅާ ގެއްލިގެން އޭގެ ވެރިފަރާތުން މި މަހުގެ 24 ވަނަ ދުވަހު ފޭސްބުކްގައި ޕޯސްޓެއް ޖަހާފައިވެ އެވެ.

ފުލުހުން ބުނީ ގަސްދުގައި ބުޅާ މަރާލި ކަމަށް ތުހުމަތުކޮށް އޭގެ އެއް ދުވަސް ފަހުން އެ މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނަށް އޭގެ ވެރިފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ބުޅާ ގެންގުޅޭ އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި ބުޅާ މަރާލީ އޭނާގެ ދައްތަ އެވެ. އެ ދެ މީހުންގެ މެދުގައި ފޯނުން ކޮށްފައިވާ މެސެޖުތަކެއްގެ ސްކްރީންޝޮޓެއް ވެސް އާންމުކޮށްފައި ވާއިރު އޭގައި އޭނާގެ ދައްތަ ވަނީ ގޮނޑަށް ބުޅާ ދޫކޮށްލީ ކަމަށް ބުނެފަ އެވެ. އެކަމަކު "ތުންބަނދެފައި ދޫކޮށްލުމުން އެ މަރުވާނެ" ކަމަށް ވެރިފަރާތުން ބުނުމުން އެކަމަށް އޭނާ ދެކޮޅު ހަދާފައިވެ އެވެ.

އެ މެސެޖަށް ފަހު އޮންނަނީ "ދެން ބުޅާ އަތުޖެހިއްޖެ ނަމަ މަރާލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

ބުޅާ ގެއްލުނު ދުވަހުގެ އަނެއް ދުވަހު އޭނާ ފޭސްބުކްގައި ކުރި ޕޯސްޓުގައި، ބުޅާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންކަން ކިޔައިދީފައި ވެ އެވެ. އަދި ބުޅަލަށް ދިމާވެދާނެ ގޮތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އަސަރާ އެކު ބުނެފައި ވެ އެވެ.

"އަހަރެންގެ ބުޅާ ވަނީ ޝައްކުކުރެވޭ އަދި ކަންބޮޑުވާ ކަންތައްތަކަށް ފަހު ގެއްލިފައި. އޭގެ ރައްކާތެރިކަމާ މެދު ވަރަށް ކަންބޮޑުވޭ. އެއީ ބޭރަށް ނުކުމެގެން ދާނެ އަދި ފިލައިގެންދާނެ ބުޅަލެއް ނޫން. އަހަރެންގެ ދައްތަ އެ ބުޅާ ނައްތާލީ ނުވަތަ މަރާލީ ކަމަށް ގަބޫލުކުރެވޭ ސީރިއަސް ސަބަބުތައް އެބަހުރި،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ބުޅާ ގެއްލުވާލި މައްސަލައިގައި ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި އެއީ އޭނާ ވަރަށް ލޯބިން އާއިލީ މެމްބަރެއްގެ ގޮތުގައި ބަލަމުން އައި ބުޅަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"އެ އަމިއްލައަކަށް ނުދާނެ. އެއީ ސިއްހަތު ރަނގަޅު، ލޯބި ލިބޭ އަދި އާއިލާގެ މެންބަރެއް. އަހަރެން ބޭނުންވަނީ އެޔަށް ވީ ގޮތެއް އެނގެން. އަދި އެޔަށްވުރެ ބޮޑަށް، އެ ބުޅާ ދިރިހުރުމުގެ އެއްވެސް ފުރުސަތެއް އޮތް ނަމަ އެ ހޯދަން."

މި މައްސަލަ ހާމަކުރީ އާއިލާގެ މެމްބަރަކަށް ޒާތީ ގޮތުން ހަމަލާއެއްދީ ބަދަލުހިފަން ނޫން ކަމަށާއި އެކަމަކު އޭނާ އެހާ ލޯބިން ގެންގުޅު އެއްޗެއް އާއިލާގެ މީހަކު އިސްވެ އެހާ އިހާނާތްތެރިކޮށް ހިތުމުން ކުރިމަތިވި ހިތާމާގައި ކަމަށް ވަނީ ބުނެފަ އެވެ.

އޭނާ ބުނެފައި ވަނީ އެއީ މެލޭޝިއާގައި ކިޔަވަން ހުރިއިރު އެޑޮޕްޓްކުރި ބުޅަލެއް ކަމަށެވެ. ކިޔަވައި ނިމުމުން ރާއްޖެ އައި އިރު އެ ބުޅާ 2019 ހިސާބުގައި ރާއްޖެއަށް ގެނައުމަށް ވެސް ކުރީ "ހަނގުރާމަ" އެއް ކަމަށާއި ބުޅާ ގެނައުމަށް ގާތްގަނޑަކަށް 2،000 ޑޮލަރު ހޭދަ ކުރަންޖެހުނު ކަމަށް އޭނާ ފޭސްބުކްގައި ބުނެފައިވެ އެވެ. އޭނާ ބުނީ އެ ހުރިހާ ހަރަދެއް ކުރީ ވެސް އެ ބުޅަލާ މެދު ހިތުގައި އޮތް ލޯބިން ކަމަށެވެ.

"އަހަރެން ހަމައެކަނި އެ ބުޅާ އެޑޮޕްޓްކުރީއެއް ނޫނޭ... އެ ބުޅާ ދޫކޮށްލާފައި އަންނާނެ ހިތްވަރެއް އަހަރެންގެ ނެތް. އެެހެންވެ ހުރިހާ ދަތިތަކެއް ހުރަސްކޮށް، އަދި ދެހާހެއްހާ ޑޮލަރު ހޭދަކޮށްގެން މެލޭޝިއާއިން ބުޅާ ގެނައީ 2019 ގައި. މިއަދާ ހަމައަށް ވެސް ބުޅަލުގެ ހުރިހާ ޒިންމާއެއް ނަގައިގެން، އެ އަށް ކާންދީ، މަގުމައްޗަށް އޭތި ދޫވިޔަކަ ނުދެން،" ފޭސްބުކް ޕޯސްޓެއްގައި އޭނާ ބުނެފައިވެ އެވެ.

އެ ބުޅަލާ މެދު އޭނާގެ ހިތުގައި އޮތް ލޯބި ބަންޑުންކޮށްލަމުން އޭނާ ބުނީ ކޮންމެ ދުވަހަކު ހޭލާނެ ސަބަބެއް ދިނީ އެ ބުޅާ ކަމަށާއި އެނދުން ތެދުވާނެ ހިތްވަރަކަށް ވެސް ވީ އެ ބުޅާ ކަމަށެވެ. އެއީ އެކަނިވެރިކަން ފިލުވައިދިން އަދި ސްޓްރެސްތަކާ ދުރުކޮށްދިން "ދަރިއެއް" ފަދައިން އޭނާ ވަނީ ސިފަކޮށްފަ އެވެ.