29 ސެޕްޓެމްބަރ 2025 - 11:20

މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސަބަބުން ހުރިހާ ގޯހެއް ކޯޗު ރުބެން އަމޮރިމްގެ ބޮލަށް ނުޖަހައި ކުޅުންތެރިން ވެސް ޒިންމާ ނަގަންޖެހޭ ކަމަށް އެ ޓީމުގެ ޑިފެންޑަރު މެތިއަސް ޑިލިޓް ބުނެފި އެވެ.
ޔުނައިޓެޑްގައި އަމޮރިމް ކުޅުވަން މަސައްކަތް ކުރާ ސިސްޓަމްގައި ބޭނުންވާ ނަތީޖާއެއް ނުނުކެމެ އެވެ. މި ސީޒަނާ އެ ޓީމުން ކުރިމަތިލީ ވެސް އަމޯރިމްގެ ޕްލޭނަށް ފެތޭ ކުޅުންތެރިން ހޯދައިގެންނެވެ. އެކަމަކު ނަތީޖާތައް ގޯހެވެ.
ލީގުގައި އެ ޓީމުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވި އެވެ. ދެ މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވީ އެވެ. ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކްލަބް އޮތީ ތަވާލުގެ 14 ވަނައިގަ އެވެ.
އަމޯރިމްގެ 10 މަސް ދުވަހުގައި ލީގުގައި ވިދިވިދިގެން ދެ މެޗުން އެ ޓީމު މޮޅުވެފައެއް ނެތެވެ.
ޑިލިޓް ބުނީ ކޯޗަށް ފާޑުކިޔުމަކީ ފަސޭހަ ކަމެއް ކަމަށެވެ.
"އަބަދުވެސް ކޯޗަށް ފާޑުކިޔަން ފަސޭހަ ވާނެ. އެކަމަކު އާހިރުގައި ދަނޑުމަތީގައި މަސައްކަތް ކުރަން ތިބި ބަޔަކީ ކުޅުންތެރިން،" ޑިލިޓް ބުންޏެވެ.
"އަހަންނަކަށް ނޭނގެ، އަހަރެމެން ކޮޅަށް ގޯލް ވަނީމަ ނޫނީ އަހަރެމެން އުފައްދާ ފުރުސަތުތަކުގައި ލަނޑު ނުޖެހުނީމަ. ކަލޭމެން އަބަދުވެސް ވާހަކަ ދައްކަނީ ކޮންކަމަކާ ބެހޭގޮތުން. އަހަންނަކަށް ނޭނގެ އަވަދުވެސް ކުޅުވާ ސިސްޓަމްގެ ވާހަކަ އަބަދު ދައްކަންޖެހޭ ސަބަބެއް."
އޭނާ ބުނީ ކުޅުންތެރިން ވެސް އިތުރަށް ސަމާލުވެގެން ތިބުމަށާއި ދަނޑުމަތީގައި ލިބޭ ފުރުސަތުތަށް ބޭނުން ކުރަމުގައި ފަރުވާތެރި ވާން ޖެހޭނެ ކަމަށެވެ.