29 ސެޕްޓެމްބަރ 2025 - 11:10

ފޮތް ލިޔަން ގިނަ ބަޔަކު ޝައުގުވެރި ވިޔަސް، ލިޔާ ފޮތްތައް ފަސޭހަ އިން ނެރުމާއި ވިއްކައިގެން އާމްދަނީއެއް ހޯދުމަކީ އަގުބޮޑު އުނދަގޫކަމެކެވެ. އަދި ދިވެހިބަހުން ލިޔެފައިވާ އެކި ބާވަތުގެ ފޮތްތައް މަދުކަމާއި، ހާއްސަކޮށް ޑިޖިޓަލް ފޯމެޓުގައި އޮންލައިންކޮށް ފޮތްތައް ލިބެން ނެތުމުގެ ޝަކުވާ ވެސް ބޮޑެވެ. މި ކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން "ދިވެހިފޮތް" އެޕެއް ވަނީ ތައާރަފްކޮށްފަ އެވެ.
"ދިވެހިފޮތް" އެޕަކީ ދިވެހިބަހުން ލިޔެފައި ހުންނަ އެކި ބާވަތުގެ ފޮތާއި މަޖައްލާ ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް އޮންލައިންކޮށް، ފަސޭހަކަމާއެކު ކިޔަން ފަރުމާކުރެވިފައިވާ މަންސައެކެވެ. މި އެޕްގައި ހިލޭ އަދި ގަނެގެން ކިޔޭ ގޮތަށް ގިނަ އަދަދެއްގެ ފޮތާއި މަޖައްލާ ލިބެން ހުރެ އެވެ.
މީގެ ތެރޭގައި ދަރުމަ، ދިއިސްލާމް، ހިދާޔަތުގެ އަލި، ޖަމާއަތުގެ ހަބަރު، ސަންގު، ހުކުރު، އެސަންދާނު، އައްޑަނަ އަދި އަލްއިސްލާހު ފަދަ އެހާރާއި މިހާރުގެ މަޝްހޫރު މަޖައްލާތައް ހިމެނެ އެވެ.
މީގެ އިތުރުން، ޔަޝްފާ އަބްދުލްޣަނީ، އައިނާ އެޑަމްސް (އާމިނަތު އިބްރާހީމް)، އަޝްރަފް އަލީ، އަންވަރު އިބްރާހީމް، ހަސަން ޝާކިރު ފަދަ ނަން މަޝްހޫރު ދިވެހި ލިޔުންތެރިންގެ އެކި ބާވަތުގެ ފޮތް މި އެޕްލިކޭޝަނުން ގަނެގެން ކިޔުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ފޮތް ކިޔުމުގެ އިތުރުން، ގިނަ އޯޑިއޯ ފޮތް އަޑުއެހުމުގެ ހިދުމަތް ވެސް މި އެޕް މެދުވެރިކޮށް ލިބެން ހުރެ އެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެހެނިހެން ކިޔުންތެރިންނަށް ފޮތްތައް ފަސޭހައިން ލިބޭނެ ގޮތް ހަދައިދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.
މި އެޕްލިކޭޝަނަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ އެވެ. އަދި ގަންނަ ކޮންމެ ފޮތެއް އުމުރު ދުވަހަށް އެޕްލިކޭޝަނުން ކިޔޭނެ އެވެ. އަދި ގޫގަލް ނުވަތަ އެޕަލް މެދުވެރިކޮށް ލޮގިންކޮށް، އެއްއަކުންޓެއް ކިތަންމެ ގިނަ ޑިވައިސްއަކުން ވެސް ބޭނުންކުރެވިދާނެ އެވެ.
މިއެޕުގައި ޝާއިއު ކުރާ ފޮތްތައް ހުންނާނީ ޑިޖިޓަލް ރައިޓްސް މެނޭޖްމަންޓް (ޑީއާރްއެމް) ޓެކްނޮލޮޖީ ބޭނުންކޮށްގެން ލީކްނުވާނެ ގޮތަށް ރައްކާކުރެވިފަ އެވެ. އެގޮތުން ފޮތް ޑައުންލޯޑްކުރެވެނީ ހަމައެކަނި އެޕް މެދުވެރިކޮށް ހުޅުވޭ ގޮތަށް އެންކްރިޕްޝަނާއި އެކުގަ އެވެ. އަދި އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ފޮތުގެ ސްކްރީން ޝޮޓާއި ސްރީން ރިކޯޑިން ނުހެދޭ ގޮތަށެވެ.
މި އެޕްގެ ޑިވެލޮޕާ އަދި އެޕްލިކޭޝަނާއި ސޮފްޓްވެއާ އުފެއްދުމުގެ ދާއިރާއިން މިއަހަރުގެ ގައުމީ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންނެވި މުހައްމަދު ޖައިލަމް ވިދާޅުވީ މި އެޕްލިކޭޝަނަކީ ދިވެހި ފޮތްތެރިކަން ޒަމާނީ ގޮތުން ކުރިއަރުވައި، ދިވެހިރާއްޖޭގައި ޑިޖިޓަލް އިގްތިސާދެއް ގާއިމުކުރުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން، މި އެޕްލިކޭޝަނުގައި ފޮތް ވިއްކާ ލިޔުންތެރީންނަށް ކޮންމެ ސޭލްއަކުން 70 ޕަސެންޓުގެ އާމްދަނީއެއް ލިބޭނެ އެވެ. މިއީ ލިއުންތެރިންނަށް ރައްކާތެރިކަމާއެކު އިތުރު ހަރަދަކާ ނުލައި ފޮތް ޝާއިއުކޮށް އާއްމުދަނީ ހޯދުމަށް ލިބޭނެ ފުރުސަތެކެވެ.
މި އެޕްލިކޭޝަނުގައި ފޮތް ޝާއިއުކުރުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލައިފަ އެވެ. މި އެޕްލިކޭޝަނަށް އަޕްލޯޑްކުރެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފާސްކޮށް، އައިއެސްބީއެން ނަންބަރު ލިބިފައިވާ ފޮތްތައް އެކަންޏެވެ.
ލިޔުންތެރިންނަށް ފޮތް ޝާއިއުކުރުމަށް https://publish.dhivehifoiy.mv/ ގައި ރަޖިސްޓަރީކޮށް، ފޮތް ހުށަހެޅޭނެ އެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ލިބޭ އާމްދަނީ ޓްރެކްކުރުމާއި، އެހެނިހެން ތަފާސްހިސާބުތައް ބެލެހެއްޓޭނެ އެވެ.
"ދިވެހިފޮތް" އެޕަކީ ދިވެހި ފޮތްތެރިކަމުގެ ދާއިރާގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ތައާރަފު ކޮށްފައިވާ އިންގިލާބީ ހައްލެކެވެ. މި އެޕް މެދުވެރިކޮށް ލިޔުންތެރިންނަށާއި ކިޔުންތެރިންނަށް ފަސޭހަކަމާއެކު ފޮތްތައް ޝާއިއުކޮށް، ގަނެ، ކިޔުމުގެ ފުރުސަތު ލިބިގެން ދެ އެވެ. މިއީ، ދިވެހި އަދަބިއްޔާތުގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭނެ ކަމަށް ޔަގީންކުރެވޭ މުހިންމު ފިޔަވަޅެކެވެ.
ނޯޓު: މިއީ ޖަވާބު އެކަޑަމީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.